މުދަލު ޒަކާތުގެ ނިސާބުގެގޮތުގައި 7،312.55 (ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ، ފަންސާފަސް ލާރި)، އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން އަންގާރަ ދުވަހު ބުނީ މި ނިސާބު ކަނޑައަޅާފައިވަނީ 30 އޭޕްރިލް 2023ން ފެށިގެން ކަމަށެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު އައިސްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައެޅީ 7062.65 (ހަތްހާސް ފަސްދޮޅަސް ދެ ރުފިޔާ، ފަސްދޮޅަސް ފަސް ލާރި)އެވެ.
އާންމު ގޮތެއްގައި މުދަލުގެ ނިސާބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުންނެވެ. ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރުވެސް ބަދަލުވެގެންދެއެވެ.
ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭއިންނެވެ. އިލްމުވެރިން ވިދާޅުވާގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިސާބު ކަނޑައެޅުމެވެ.
ނިސާބު ހަމަވާވަރަށް އަތުގައި ފައިސާހުރެ، އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެގޮތުގައި ދެއްކުމަކީ ދީނީގޮތުން ވާޖިބެކެވެ.
އިސްލާމިކް މިިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި 92،120،926.52 ( ނުވަދިހަ ދެ މިލިއަން އެއްލައްކަ ވިހިހާސް ނުވަސަތޭކަ ސައްބީސް ރުފިޔާ، ފަންސާސް ދެ ލާރި) ވަނީ ލިބިފައެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.