އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހަދިޔާކުރާ އޮފްޝޯރ ޕެޓްރޯލް ވެސެލާއި ލޭންޑިންގ ކްރާފްޓް ދިފާއީ ބާރާ ހަވާލުކޮށްފިއެވެ.
އޮފްޝޯރ ޕެޓްރޯލް ވެސެލް އަދި ލޭންޑިންގ ކްރާފްޓް ދިފާއީ ބާރާ ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްުޔާތުގައި އޮފްޝޯރ ޕެޓްރޯލް ވެސެލް އަދި ލޭންޑިންގ ކްރާފްޓް އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގއެވެ. މި އުޅަނދުތަކާ ދިވެހި އަސްކަރިއްޔާގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ ކޮމިޝަން ކުރުމަށް ނަގާ ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. އަދި ޝިޕް ކޮމިޝަން ކޮށްދެއްވީ ޗީފް އަދި ކޮމަޑާން ކޯސްޓްގާޑް ކާނަލް އިބްރާހީމް ހިލްމީއެވެ.
މި ރަސްމިއްޔާތުގައި ހުރަވީގެ ނަން ބޯޑު ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހެވެ. މި އުޅަނދުގެ ނަމަކީ "ސީ.ޖީ.އެސް ހުރަވީ"އެވެ. މީގެ އިތުރުން ރަސްމިއްޔާތުގެ ބައިވެރިން ވަނީ ޝިޕް ވިޒިޓަރސް ފޮތުގައި ސޮއިކުރައްވާފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި އަސްކަރީ ގޮތުން އެންމެ ގާބިލް އުޅަނދު ކަމަށްވާ ހުރަވީ އަކީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދެކެވެ. އެދުވަހުން ފެށިގެން މިއުޅަނދު ކޮންމެ 2 އަހަރަކުން ރީފިޓްކޮށް މަރާމާތުކޮށްދެމުން އަންނަނީ އިންޑިއާގެ ހިލޭ އެހީގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މިހާތަނަށް ހަ ފަހަރެއްގެ މަތިން އެ އުޅަނދު އިންޑިއާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތުވަނީ ކުރެވިފައެވެ.
ކޯސްޓްގާޑް ޝިޕް ހުރަވީ މިހާރު ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމެކެވެ. މިކަމަށް އެހީތެރިވުމުގެގޮތުން އިންޑިއާ ސަރުކާރުން ވަނީ ކޯސްޓްގާޑް ޝިޕް "ހުރަވީ"ގެ ބަދަލުގައި އެހެން އުޅަނދެއް ހަދިޔާކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން މިހާރު މިވަނީ ދިވެހި އަސްކަރިއްޔާއާ މި އުޅަނދުތައް ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ޞާލިހާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރީ ރާޖްނާތު ސިންގގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން ދިފާއީ ބާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.