Advertisement
ކ. މާލެ
|
1 މެއި 2023 | ހޯމަ 18:36
ޝްރީ ރާޖްނާތު ސިންގ މިނިސްޓަރ މާރިޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ޝްރީ ރާޖްނާތު ސިންގ މިނިސްޓަރ މާރިޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
މިނިސްޓްރީ އޮފް ޑިފެންސް
އިންޑިއާގެ ދިފާއީ ވަޒީރު ރާއްޖެ ވަޑައިގެންނެވުން
ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން މަޝްވަރާކުރެއްވި
ދިފާއީ އަދި އަސްކަރީ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރެއްވި

ރަސްމީ ދަތުފުޅެއްގައި ރާއްޖެ ވަޑައިގެންއުޅުއްވާ އިންޑިޔާގެ ދިފާޢީ ވަޒީރު ޝްރީ ރާޖްނާތު ސިންގ، ރާއްޖޭގެ ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

Advertisement

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެޤައުމުގެ ދިފާޢީ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި ސަރަޙައްދުގެ ސުލްޙަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެ އިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި އަދި ދެޤައުމު ގުޅިގެން ޤާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޝްރީ ރާޖްނާތު ސިންގ މިނިސްޓަރ މާރިޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން - މިނިސްޓްރީ އޮފް ޑިފެންސް

ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދެޤައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުންދާ ކާމިޔާބީ ދެ ވަޒީރުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. މި ގޮތުން، ކައުންޓަރޓެރަރިޒަމާއި، ޑިޒާސްޓަރ މެނޭޖްމަންޓާއި، ސައިބަރ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން އެއްޤައުމުން އަނެއްޤައުމަށް މިހާރަށްވުރެ، ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ އިންޑިޔާ އިން ދިވެހި އަސްކަރިއްޔާއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޝްރީ ރާޖްނާތު ސިންގ މިނިސްޓަރ މާރިޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން - މިނިސްޓްރީ އޮފް ޑިފެންސް

މި ބައްދަލު ކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، ދިފާޢީ އަދި އިޤްތިޞާދީ ދާއިރާއިން ޤާބިލްކަން އިތުރުކުރުމާއި، ދެޤައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައިވެސް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ދިފާޢީ ވަޒީރުގެ ނައިބު އަލްއުސްތާޒު ޙަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުލް ލަތީފް ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
- ކޮމެންޓް