ޤާރީންނާއި ޙާފިޡުންނަށް އިތުރު ތަމްރީނު ދީގެން ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.
ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައިވާ ކަމަށެެ. އެއީ ރަންތާޖު މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިންގެ ތެރޭގައި އެތައް ހުނަރެއް ހުރި މޮޅު ދަރިވަރުންތަކެއް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުގެ ފަނޑިޔާރުން ބޭރުގެ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުގައި، އަޅުގަނޑުމެން ކަން ކުރަންވީގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރަންތާޖު ޤުރުއާން މުބާރާތުގައި ވާދަކުރި ބައިވެރިންގެ ތެރެއިން، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ޤާރީންނާއި ޙާފިޡުންނަކީ ކޮބައިކަން ފަނޑިޔާރުންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެފަދަ ޤާރީންނާއި ޙާފިޡުންނަށް އިތުރު ތަމްރީނު ދީ، އިތުރު ތަޖުރިބާތައް ހޯދައިދީގެން، ކުރިއަށް ހުރި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް، ކަމާބެހޭ އިދާރާތަކަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަންތާޖު މުބާރާތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، އެ މުބާރާތް ސިފަކުރެވެނީ ހަމައެކަނި ބައިވެރިން ވާދަކުރާ ގޮތަށް އޮތް މުބާރާތެއްގެ ގޮތުގައި ނޫންކަމަށެވެ. މިއީ، އެއަށްވުރެ މާ މާތް މަޤްޞަދުތަކެއް ޙާޞިލުކުރެވޭ ގޮތަށް، މާ ފުޅާ ދާއިރާއެއްގައި އިންތިޒާމުވެގެން ދިޔަ މުބާރާތެއް ކަމަށް ރައީސް ވިދަޅުވިއެވެ. މުބާރާތް ކުރިއަށް ދިޔަ އިރު ޓްރެއިނަރުން ކަނޑައަޅައިގެން، މުބާރާތުގެ ބައިވެރިންނަށް ތަމްރީނު ދީފައިވުމުގެ ސަބަބުން މުބާރާތުގެ ފެންވަރު ވަރަށް ބޮޑަށް މަތިވެފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރަންތާޖު މުބާރާތުގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ އަގުބޮޑު ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ނ.ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކްއެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.