ކ. މާލެ
|
1 މެއި 2023 | ހޯމަ 07:17
ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް
ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް
ޓްވީޓަރ
ޕީއެސްޖީ
މާކީނިއޯސްއާއެކު ޕީއެސްޖީ އަށް އެއްބަސްވުމަކަށް އާދެވިއްޖެ
 
މާކީނިއޯސް ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޯސްގެ އެއްބަސްވުން އައު ކުރުމަށް އެކުލަބާ އޭނާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޕީއެސްޖީގެ ކެޕްޓަންގެ ޒިންމާ ވެސް އަދާކުރަމުން އަންނަ އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން މާކީނިއޯސްގެ އެއްބަސްވުން އައު ކުރުމަށް ޕީއެސްޖީން ބޭނުންވާތީވެ، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ ކުލަބުން އަންނަނީ އޭނާއާއެކު މަޝްވަރާތައް ކުރަމުންނެވެ. ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، މިހާރު ޕީއެސްޖީ އަށް ވަނީ މާކީނިއޯސްއާއެކު އެއްބަސްވުމަކަށް އާދެވިފަ އެވެ. އެއީ އޭނާ ވެސް ކުލަބުގައި މަޑު ކުރުމަށް ބޭނުންވާތީ އެވެ. ޕީއެސްޖީ އިން މާކީނިއޯސްއާއެކު އެއްބަސްވުމަކަށް އައިސްފައި ވަނީ އިތުރު ތިން އަހަރަށް ކުލަބުގައި މަޑު ކުރުމަށެވެ. އެހެންކަމުން މާކީނިއޯސް ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އައު އެއްބަސްވުމުގައި މާކީނިއޯސް ސޮއި ކުރާނީ އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިޓާލިއަން ލީގުގެ ރޯމާ ދޫކޮށް މާކީނިއޯސް ޕީއެސްޖީ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެކުލަބަށް ކުޅެދިން 403 މެޗުގައި އޭނާ ވަނީ 38 ލަނޑު ޖަހައިފަ އެވެ. މާކީނިއޯސް ވަނީ ޕީއެސްޖީއާއެކު 26 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތް ފަހަރު، ފްރާންސް ކަޕް ހަ ފަހަރު، ކަޕް ލީގު ހަ ފަހަރު، ޓްރޮފީ ޑީ ޗެމްޕިއަންސް ހަތް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. ޕީއެސްޖީން 20-2019 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ޓީމުގައި ވެސް މާކީނިއޯސް ހިމެނެ އެވެ. ތިއާގޯ ސިލްވާ ޕީއެސްޖީ ދޫކޮށްލުމާއެކު، މާކީނިއޯސް އަށް އެ ކުލަބުގެ ކެޕްޓަންކަން ލިބުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މާކީނިއޯސް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް 76 މެޗު ކުޅެދީ ފަސް ލަނޑު ޖަހާފައިވާއިރު، ކޮޕަ އެމެރިކާ މުބާރާތެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް