ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 11:45
ޑެނީ އަލްވޭސް އަދި އޭނާގެ އަންހެނުން
ޑެނީ އަލްވޭސް އަދި އޭނާގެ އަންހެނުން
ޓްވީޓަރ
ޑެނީ އަލްވޭސް
ވަރި ފޯމުގައި ސޮއިކުރުމަށް ޑެނީ އަލްވޭސް ދެކޮޅު ހަދައިފި
އެމީހުން ތިބީ ވަރިވުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާގައި

އަންހެނަކު ރޭޕުކުރިކަމުގެ ތަހުމަތުގައި ޖަލަށްލާފައިވާ ބްރެޒިލްގެ ޑިފެންޑަރު ޑެނީ އަލްވޭސްގެ އަންހެނުން ޖޯނާ ސާންޒް އޭނާ ކައިރިން ވަރިވުމަށް ހުށަހެޅި ނަމަވެސް، ވަރި ފޯމުގައި ސޮއި ކުރުމަށް އަލްވޭސް ދެކޮޅު ހަދައިފި އެވެ.

އަލްވޭސްގެ މައްޗަށް ކުރެވުނު ތުހުމަތާއެކު މިއަހަރުގެ ޖަނަވަރީ މަހު ވަނީ އޭނާާ ޖަލުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ. އެއީ ޕަބްލިކް ޕްރޮސެކިއުޓުން އެދިގެންނެވެ. ފުލުހުން ވަނީ މި މައްސަލައިގައި އެކި ފަހަރު މަތިން އަލްވޭސްއާ ސުވާލު ވެސް ކޮށްފަ އެވެ. އެކަމާ ގުޅިގެން އަލްވޭސްގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، އަލްވޭސް އެންމެ ފުރަތަމަ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުގައި ވާހަކަ ނުދެއްކީ އޭނާގެ ކައިވެނި ސަލާމަތް ކުރުމަށް އިސްކަން ދޭތީ ކަމަށެވެ. އެންމެ ފުރަތަމަ ވެސް އަލްވޭސްގެ މައްޗަށް ކުރެވުނު ތުހުމަތާއެކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ މައްސަލައިގައި އަލްވޭސް ހައްޔަރު ކުރިއިރު، ފެބްރުވަރީ މަހު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފަ އެވެ. ނަމަވެސް ކޯޓުން ވަނީ އަލްވޭސް އަށް އެ ފުރުސަތު ނުދިނުމަށް ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އަލްވޭސްގެ އަންހެނުން ވަނީ ވަރިވުމަށް ބޭނުންވާތީވެ، އެކަން ކުރިއަށް ގެންދިޔުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް ސާންޒް ބުނާ ގޮތުގައި، އެ ގުޅުން ނިމުމަކަށް ގެންނަން އޭނާ ބޭނުންވި ނަމަވެސް ވަރި ފޯމުގައި ސޮއި ކުރުމަށް އަލްވޭސް ވަނީ ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ އެމީހުން ތިބީ ވަރިވުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާގައި ކަމަށާއި، ނަމަވެސް އަލްވޭސް އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކަން ކުރަން އުނދަގޫވެފައިވާ ކަމަށެވެ. މީގެ އިތުރުން އަލްވޭސް ޖަލުގައި ހުރި ނަމަވެސް، އޭނާގެ ފަރާތުން ޝާންޒަށް އަދިވެސް މާލީ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ދެކެވޭ ވާހަކަ ވެސް އޭނާ ވަނީ ދޮގުކޮށްފަ އެވެ. ސާންޒް ބުނީ އޭނާ އަށް މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ލިބެމުން ނުދާ ކަމަށާއި، ދޮގު ޚަބަރު ފަތުރާ މީހުންގެ މަޤްސަދަކީ ކޮބައިކަމެއް އޭނާ އަށް ނޭންގޭ ކަމަށެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ސާންޒް މިހާރު އަންނަނީ އަލްވޭސްއާއެކު އުޅެމުން އައި ގެ ދޫކޮށް އެހެން ގެޔަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ގޭގައި ހުރި އޭނާގެ ބައެއް ސާމާނު މިހާރު އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

- ކޮމެންޓް