މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، އެމަނިކުފާނު ވަނީ ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖުތަމައަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްގީވަމުން އަންނާނެ ޚިދުމަތެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްގީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އުއްމީދަކީ ހަމަޖެހުމާއި ސުލްހަވެރިކަން ކަމަށްވާއިރު ފުލުހުންގެ މަސައްކަތަކީ އެކަންކަމަށް ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ނައްތައިލުން ކަމަށެވެ. އަދި ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރަނީ، ރައްޔިތުންގެ މުދަލާއި ފުރާނަ ރައްކާތެރިކޮށްދޭން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ހަމަޖެހުން ހޯދައިދިނުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުލުހުންގެ ޚިދުމަތް ފެތުރިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމް ކުރުމަށް ކޮންޓްރެކްޓުގައި ސޮއި ކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމަށް މިހާރުވަނީ ކޮންޓްރެކްޓްގައި ސޮއިކޮށްފައި. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ، މި ހިނގާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން. މިކަމަށް ބޭނުންވާ ފުލުހުން ހޯދަން އަޅުގަނޑު މިހާރު ވަނީ އެޕްރޫވް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައި،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރެވިގެންދާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކާއެކުގައި ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ ވެސް އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެދުމަކީ ވެސް އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، މީގެ އެއް އަހަރު ކުރިން އައްޑޫގައި ހުޅުވި "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް"އަކީ ފެންވަރު ރަނގަޅު ފުލުހުން ތަމްރީންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބޭނުންތެރި މުއައްސަސާއެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.