ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 07:11
ޗެލްސީ އަށް ކުޅެމުން އަންނަ ސްޓާލިން
ޗެލްސީ އަށް ކުޅެމުން އަންނަ ސްޓާލިން
ރޮއިޓާސް
ޗެލްސީ
ސްޓާލިން ބުނަނީ ޗެލްސީގެ ސަޕޯޓަރުން ކެތްތެރިވާން ޖެހޭނެ ކަމަށް
 
ސްޓާލިން ބުނީ، އޭނާ އެންމެ ފުރަތަމަ ސިޓީ އަށް ދިޔަ ދުވަސްވަރު، ޙާލަތު އޮތީ މިހާރު އޮތް ގޮތަށް ނޫން ކަމަށް

ޗެލްސީގެ ނަތީޖާތައް މިހާރު ދަށް ނަމަވެސް، އެ ޓީމު އަލުން ކުރިއަރާނެ ކަމަށާއި ސަޕޯޓަރުން ކެތްތެރިވާން ޖެހޭ ކަމަށް ރަހީމް ސްޓާލިން ބުނެފި އެވެ.

މި ސީޒަނުގައި ޗެލްސީގެ ނަތީޖާތައް ވަނީ އިންތިހާ އަށް ދަށްވެފަ އެވެ. އެއާއެކު އެ ޓީމުން ވަނީ ކޯޗުން ވެސް ވަކިކޮށްފަ އެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ސްޓާލިން ބުނީ، ވާދަވެރި ފެންވަރެއްގައި ކުޅުމަށް ޗެލްސީ އައުމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި ކޮންމެ ޓީމަކަށް ވެސް ދަށް ހާލަތެއް އައިސްދާނެ ކަމަށާއި، ޗެލްސީ އަށް މިހާރު އޮތީ އެފަދަ ހާލަތެއް ކަމަށެވެ. އެހެންކަމުން އެ ހާލަތުން އަރައި ގަތުމަށް ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން އަދި ކުލަބުގެ ވެރިން ވެސް މަސައްކަތް ކުރާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ ވާދަވެރި މެންޗެސްޓަރ ސިޓީ އެވެ. ސްޓާލިން ބުނީ، އޭނާ އެންމެ ފުރަތަމަ ސިޓީ އަށް ދިޔަ ދުވަސްވަރު، ޙާލަތު އޮތީ މިހާރު އޮތް ގޮތަށް ނޫން ކަމަށެވެ. އޭނާ ބުނީ އޭރު ސިޓީ އަކީ އެންމެ މޮޅު ކުލަބު ނޫން ކަމަށެވެ.

މީގެ އިތުރުން ސްޓާލިން ބުނީ ސިޓީގެ ވެރިން ބަދަލުވެ، އެކަމުގެ ތެރެއިން މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ޓީމާ ހަވާލުވި ކަމަށެވެ. އެގޮތުން ގާޑިއޯލާގެ ފުރަތަމަ ސީޒަނުގައި ސިޓީން ރަނގަޅު ފުޓުބޯޅައެއް ކުޅުން ކަމަށާއި، ނަމަވެސް އެންމެ ބޭނުންވި ގޮތަށް ކާމިޔާބުތައް ނުލިބުން ކަމަށެވެ. ނަމަވެސް، ކުރިމަގަށް ރަނގަޅު ޕްލޭންތަކެއް ހަދައި، ގާޑިއޯލާ އަށް އެކަށީގެންވާ މިންވަރަށް ވަގުތު ދިނުމުން، ސިޓީ މުޅިން އެހެން ލެވެލް އަކަށް ދިޔަ ކަމަށެވެ. ސްޓާލިން ފާހަގަ ކުރި ގޮތުގައި އެހެން ޓީމުތަކަށްވުރެ ސިޓީގެ ފެންވަރު ރަނގަޅުވެފައި، ކުޅުން ރަނގަޅުވީ ގިނަ ދުވަސްތަކުން ކުރި މަސައްކަތުންނެވެ.

އެމީހުން (ސިޓީ) އެހާ ރަނގަޅަށް ކަންތައް ކުރަމުން އެ އަންނަނީ ކުއްލި އަކަށް ނޫން. އެއީ ކަން ދިމާ ކުރި ގޮތެއް ވެސް ނޫން. އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް.
ރަހީމް ސްޓާލިން

ސިޓީ ދޫކޮށް ސްޓާލިން ޗެލްސީ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 33 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. ސްޓާލިން ބުނީ ޗެލްސީގައި އޭނާގެ އެންމެ މޮޅު ކުޅުން މިހާތަނަށް ނުދެއްކުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅުކޮށް، ޗެލްސީ ކުރިއަށް ގެންދިޔުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ސްޓާލިން ބުނީ، ސިޓީ ދޫކޮށް ޗެލްސީ އަށް ބަދަލުވާން ނިންމި ނިންމުމާމެދު އޭނާ ހިތާމަ ނުކުރާ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އަބަދު އެއް ފެންވަރެއްގައި ނުތިބެވުނު ނަމަވެސް ގަދަ އަޅާ މަސައްކަތް ކުރާނަމަ ކާމިޔާބީ އަށް ވާސިލްވެވޭނެ އެވެ.

ޗެލްސީގެ ކޯޗުކަމާ ދެ ވަނަ ފަހަރަށް ފްރޭންކް ލަމްޕާޑު ހަވާލުވެ، ކުޅުނު ފަސް މެޗުން ވަނީ ބަލިވެފަ އެވެ. އެ ޓީމަށް ލީގުގައި ދެން އޮތީ އާސެނަލާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް