ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށްވެސް ހަމަހުގެ މެޓަރނިޓީ ލީވް ލިބޭގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލުގައެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި ރަމަޟާން މަސް ފިޔަވައި އެހެން މަސްމަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ފުލްޓައިމް މެންބަރުން ރަސްމީ ދުވަސްތަކުގައި އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހޭނީ، ހެނދުނު 08:30 ގައެވެ. ރަސްމީ ގަޑި ނިމޭނީ، މެންދުރުފަހު 02:00 ގައެވެ.
އޭގެ އިތުރުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އަންހެން މެންބަރުންނަށް ލިބިދެވޭނީ 6 މަސްދުވަހުގެ ޗުއްޓީއެއްކަމަށްވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
އުސޫލަށް އިސްލާޙު ގެނެސްފައިި މިވަނީ ވިހެއުމާ ގުޅިގެން ޗުއްޓީ އިތުރުކޮށް ނުދިންކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހީމް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރައްވާފައިވަނިކޮށެވެ.
އެކަމާ ގުޅޭގޮތުން ޓްރައިބިއުނަލްއިން އޭރު ބުނެފައިވަނީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ ކަނބަލުންކަމަށް ވެފައި، ހުރިހާ މެމްބަރުން ހަ މަސްދުވަހުގެ މެޓާނިޓީ ލީވެއް ނަގައިފިނަމަ އެތަނުގެ މަސައްކަތްތަކަށް ބުރޫއަރައި އެތަކެއް އާއްމު ރައްޔިތުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި އަސަރުކުރާނޭކަމަށް މެމްބަރުންނަށްވެސް ޤަބޫލު ކުރެވޭ ކަމަށެވެ.
ވިހެއުމާ ގުޅިގެން މެމްބަރުންނަށް ދެ މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް އޮތްނަމަވެސް، އެ ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ ނެގެން އޮންނަ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުންޏެވެ.