ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 07:35
ހުސައިން ޝިފާއު
ހުސައިން ޝިފާއު
ޕޮލިސް
ހުސައިން ޝިފާޢުގެ މައްޗަށް ދައުވާ އުފުލުން
ހުސައިން ޝިފާޢުގެ މައްޗަށް މަކަރާއި ޙީލަތުގެ 23 ދަޢުވާއެއް
މިމައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ރުފިޔާ
މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވޭ

ރާއްޖެ އެތެރެކުރި މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހަދާފައިވާ މައްސަލައެއްގައި މއ.ހަނީސަކްލް-1 ޙުސައިން ޝިފާޢުގެ މައްޗަށް ދަޢުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޙުސައިން ޝިފާޢުގެ މައްޗަށް ދަޢުވާ ކުރަނީ އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްކަމުގައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހަދާފައިވާ މައްސަލައިގައެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާއާއި، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއާއެކު، ޖުމްލަ 23 ދަޢުވާއެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. ޙުސައިން ޝިފާޢު މިކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ރުފިޔާއެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް