ކ. މާލެ
|
26 އޭޕްރިލް 2023 | ބުދަ 11:26
މެންޗެސްޓަރ ސިޓީން ކުޅުނު މެޗެއްގައި ކޯޗު ގާޑިއޯލާ
މެންޗެސްޓަރ ސިޓީން ކުޅުނު މެޗެއްގައި ކޯޗު ގާޑިއޯލާ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ގާޑިއޯލާ ބުނަނީ ސިޓީ މޮޅުވެއްޖެނަމަ، ލީގުގެ މިސްރާބު އެ ޓީމު ކޮޅަށް އެނބުރޭނެ ކަމަށް
 
ލީގުގެ ފުރަތަމަ ބުރުގައި އާސެނަލުން ދެއްކި ކުޅުމާއި، އެމީހުން ނެރުނު ނަތީޖާގެ ސަބަބުން ސިޓީ މިހިސާބަށް އަންނާނެކަން ޤަބޫލެއް ނުކުރޭ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެ ނަމަ، ލީގުގެ މިސްރާބާ އެ ޓީމު ކޮޅަށް އެނބުރޭނެ ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ސިޓީން އެ ޓީމު ކުޅެނީ ކޮން ކަމަކަށް ބޭނުންވެގެންކަން ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ. އެގޮތުން ލީގު ނިންމާ ހިސާބަަށް އަަންނަ އެތައް ދުވަސްތަކެއް ހޭދަ ކުރި ކަމަށާއި، މިހާރު އޮތީ ސިޓީގެ އަތް މައްޗަށް ކަންކަން އަނބުރާލެވޭނެ ފުރުސަތު ކަމަށެވެ. އެހެން ނަމަވެސް، އާސެނަލްގެ އަތް މަތީގައި ވެސް ބާރު އޮތްކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، މެޗުން އާސެނަލް މޮޅުވެއްޖެ ނަމަ އެ ޓީމު ކޮޅަށް ބުރަ ވާނެ ކަމަށެވެ. ނަމަވެސް އެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ، ލީގުގެ މިސްރާބު ސިޓީ ކޮޅަށް އެނބުރޭނެ ކަމަށާއި، ސިޓީގެ އަަމިއްލަ ބާރު އޮންނާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެހެންކަމުން ބޭނުންވަނީ އެ މެޗުން މޮޅުވެ، ބާކީ އޮތް ހަތް މެޗާއެކު ސިޓީ އަށް ކާމިޔާބުވުން ކަމަށް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، މި ސީޒަންގެ ޕްރިމިއާ ލީގުގެ މިހާ ހިސާބުގައި ސިޓީ އަށް އޮވެވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ލީގުގެ ފުރަތަމަ ބުރުގައި އާސެނަލުން ދެއްކި ކުޅުމާއި، އެމީހުން ނެރުނު ނަތީޖާގެ ސަބަބުން ސިޓީ މިހިސާބަށް އަންނާނެކަން ޤަބޫލު ކުރަން ވެސް އުނދަގޫވި ކަމަށެވެ. އެހެންކަމުން އާސެނަލް މެޗަކީ ސިޓީ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، އެ މެޗުން ތިން ޕޮއިންޓު މުހިންމު ކަމަށް އޭނާ ފާހަގަ ކުރި އެވެ. ސަބަބަކީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީގެ އެންމެ ވާދަވެރި ޓީމަކީ އާސެނަލަށްވުން ކަމަށް ވާތީ ސިޓީން އެމީހުންގެ މަސައްކަތަށް ފޯކަސް ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ މި ސީޒަނުގައި އާސެނަލާ ދެކޮޅަށް ސިޓީން ދެ މެޗު ކުޅުނު ކަމަށާއި، އެ ދެ މެޗަކީ ވެސް ވަރަށް އުނދަގޫ އަދި ވާދަވެރި ދެ މެޗު ކަމަށެވެ.

މި ހިސާބުގައި ތިބެވުމަކީ ވެސް ވަރަށް ބޮޑު ރަނގަޅެއް ކަމަށް ދެކެނީ. އެއީ ލީގުގެ ފުރަތަމަ ބުރުގައި އާސެނަލުން ދެއްކި ކުޅުމާއި، އެމީހުންގެ ނަތީޖާ އަށް ބަލާފައި، މި ހިސާބަށް އަހަރަމެން އަންނާނެ ކަމަށް އުންމީދު ވެސް ނުކުރަން. އެހެންވީމާ އަހަރަމެން ކުރަން ޖެހޭ ކަންކަމަށް ފޯކަސް ކުރުން ވަރަށް މުހިންމު.
ޕެޕް ގާޑިއޯލާ / މެންޗެސްޓަރ ސިޓީގެ ކޯޗު

މީގެ އިތުރުން ގާޑިއޯލާ ބުނީ އެއީ މުހިންމު މެޗެއް ކަމަށާއި، ނަމަވެސް އެ މެޗުން ލީގު ކަށަވަރު ނުވެދާނެ ކަމަށެވެ. ސަބަބަކީ އެ މެޗަށްފަހު ވެސް ލީގުގައި ބާކީ ވަރަށް އުނދަގޫ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުން ކަމަށެވެ. ނަމަވެސް އެ މެޗުގެ މުހިންމުކަން ޤަބޫލު ނުކޮށް ނުތިބެވޭނެ ކަމަށާއި، ކުރިއަށް އޮތް މެޗުތަަކަށް ނިކުންނައިރު އެ މެޗުން މޮޅެއް އޮތުމަކީ ހަމަޖެހުމަކަށް ވާނެ ކަަމަށް އޭނާ ބުންޏެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމުން އާސެނަލާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް