ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގުން މަނާވާ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި "އީ-ލާނިން ގައިޑްލައިން" އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
އެ ކޯޓުން މި އަމަރު ނެރެފައިވަނީ އަންގާރަ ދުވަހުއެވެ. މިއީ ގާނޫނުއަސާސީން، ގަވައިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ހައްގުތަކާއި ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ކޮލިފިކޭޝަން އޮތޯރިޓީން ހަދާފައިވާ ގައިޑްލައިނެއް ކަމަށާއި އެ ގައިޑްލައިން ބާތިލް ކޮށްދިނުމަށް އެދި އެ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ދައުލަތަށް ރައްދުވާ ގޮތަށެވެ.
މި ދައުވާގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ މަންދު ކޮލެޖުގެ ވަރޗުއަލް ކެމްޕަހަކީ ފޭސްޓުފޭސް ލަރނިން މޯޑަލިޓީގައި ޓީޗަރުން ތަމްރީން ކުރުމުގެ ކޯސްތަކުގައި އެންރޯލްކޮށް ކިޔަވައިދެމުން ގެންދިއުމަށް ހުރަސް ނޭޅުމަށް އެމްކިޔުއޭގެ މައްޗަށް އަމުރު ކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްދޭން ވެސް ވަނީ އެދިފައެވެ.
މަންދު ކޮލެޖުން ދައުވާގައި ބުނެފައިވަނީ ގައިޑްލައިން ބާތިލް ނުކޮށްފިނަމަ ކުރިއަށް އޮތް އަހަރު އެ ކޮލެޖަށް ޓީޗަރ ޓްރެއިނިންއަށް ދަރިވަރުން އެންރޯލް ކުރުމަށް އިއުލާނުކޮށް، އެކަން ނުހިންގޭނެ ކަމަށެވެ. އަދި މީގެ ކުރިން އެމްކިޔުއޭއިން މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަހަކީ ފޭސް ޓު ފޭސްކޮށް ކިޔަވައިދިނުމާ އެއްހަމަ ކިޔަވައިދިނުމެއް ކަމަށް ބަލައިގަނެ އެގޮތަށް ކިޔަވައިދިނުމުގެ ހުއްދަ ސިޓީއަކުން ދީފައިވާ ކަމަށާއި އެހެންވެ އެކަން މިހާރު ހުއްޓުވައިފި ނަމަ ކޮލެޖްގައި ކިޔަވައިދިނުން ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މަންދު ކޮލެޖްގެ ދަރިވަރުންގެ 40 އިންސައްތައަކީ ޓީޗިން ދާއިރާގެ ކޯސްތަކުގައި އުޅޭ ދަރިވަރުން ކަން ފާހަގަކޮށް މާލެ ހައި އިން ބުނެފައިވަނީ އީ-ލަރނިންގެ ތެރެއިން މި ކޯސްތަކަށް ގިނަ ދަރިވަރުން ނުލިބޭ ނަމަ ކޮލްޖްގެ އެންރޯލްމަންޓް ދަށްވެ، ވިޔަފާރީގައި ގެއްލުންވާނެ ކަމަށެވެ. އަދި ބާކީ 60 އިންސައްތަ ދަރިވަރުންގެ ކިޔެވުންވެސް ހުއްޓުމަކަށް ހިނގައިދާނެ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓީޗިންގެ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވާ ވަރަށް ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސްކޫލްތަކުގައި ކިޔަވައިދޭ މީހުންނަށް ވުމާއެކު އޮންލައިންކޮށް ނުކިޔެވޭ ނަމަ، ރަށުން ބޭރަށް ދާން ޖެހި، އެތައް ބައެއްގެ ކިޔެވުމަށް ހުރަސްއެޅޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު ގޮތަށް ވަަގުތީ އަމުރެއް ނެރެފައިވަނީ ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދުއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހު އެމްކިޔުއޭއިން ނެރުނު ގައިޑްލައިންގައިވާ ގޮތުން ޓީޗިންގެ އިތުރުން ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯސް، މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ގުޅޭ ކޯސްތަކާއި، ނާސިން ކޯހާއި، ގުރުއާން އަދި އެއާ ގުޅޭ ދާއިރާތަކާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި އިންޖީނިއަރިން އަދި އާކިޓެކްޗާ ވެސް އޮންލައިންކޮށް ކިޔަވައިދިނުން ވަނީ މަނާކޮށްފައެވެ.