ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ ގަދަ 32 ކުޅުންތެރިންގެ ބައިން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ ޖާގަ ހޯދައިފި އެވެ.
ދުބާއީގައި ކުރިއަށްދާ މުބާރާތުގެ ގަދަ 32 އިން ޒަޔާން ޖާގަ ހޯދީ، ފިރިހެން ސިންގަލްސް ގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. ޒަޔާންގެ ފުރަތަމަ މެޗުގައި އޭނާ ވާދަކޮށްފައި ވަނީ ދާރުއްސަލާމްގެ ކާ ކިޓް ކާންއާ އެވެ. އެ މެޗުން ޒަޔާން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ޒަޔާން ކާމިޔާބުކޮށްފައި ވަނީ 21-11 އިންނެވެ. ނަމަވެސް ކާ ކިޓް ކާން ވަނީ 16-21 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. ޖެހިގެން އައި ތިން ވަނަ ސެޓު 21-15 އިން ކާމިޔާބުކޮށް ޒަޔާން ފުރަތަމަ މޮޅު ހޯދި އެވެ.
ދެ ވަނަ މެޗުގައި ޒަޔާން ވާދަކޮށްފައި ވަނީ ޔުއޭއީގެ މުހައްމަދު ފަލަމަރްޒީ އެވެ. އެ މެޗު ޒަޔާން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ދެ ސެޓު ވެސް ޒަޔާން ކާމިޔާބު ކުރީ 21-5 އިންނެވެ. ގަދަ 32 ކުޅުންތެރިންގެ ބުރުގެ ކުޅުން ކުރިއަށް ދާނީ ބުދަ ދުވަހުގެ އެވެ. އެ ބުރުގައި ޒަޔާން ވާދަކުރަން ޖެހެނީ ޖޯޑަންގެ ބަހާއްދީން އަހުމަދު އަލްޝާނިކާ ދެކޮޅަށެވެ. މިއީ ދުނިޔޭގެ ރޭންކިން އަށް ބަލާނަމަ، ޒަޔާނަށް ވުރެ އެތައް ގޮތަކުން މޮޅު ކުޅުންތެރިޔެކެވެ. އޭނާ ދުނިޔޭގެ ރޭންކިންގެ 102 ވަނައިގައި އޮތް އިރު، ޒަަޔާން އޮތީ ރޭންކިންގެ 330 ވަނައިގަ އެވެ.