ފުރަތަމަ ފަހަރަށް ބޭންކް އޮފް ސިލޯނުން ހައުސިންގް ލޯނެއް ތައާރަފުކޮށްފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ހުކުރު ދުވަހުގެ ރޭ މި ލޯން ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމާއި، ބީއޯސީގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ ބީކޭ ގުރުސިންހައެވެ.
ލޯން ތަޢާރަފްކުރުމަށް ފަހު ވާހަކަދައްކަވަމުން އެބޭންކުގެ ރާއްޖޭގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ހަސަން ވަހީދު ވިދާޅުވީ، ހައުސިންގެ ހުރިހާ ދާއިރާއަކަށް ލޯން ދޫކުރާނެ ކަމަށާއި، ބިމެއް، ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް، ނުވަތަ ގެއެއް އެޅުމަށް ވެސް ލޯނު ދޫކުރާނެ ކަމަށެވެ.
އެގޮތުން ގެދޮރު އިމާރާތްކުރާ ކުންފުންޏަކަށް ނަމަ 20 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ ކަމަށާއި ލޯނުގެ ދަށުން ބިމެއް ގަތުމަށް، ގެއެއް ގަތުމަށް ނުވަތަ ގެއެއް އިމާރާތް ކުރުމަށް ފަސް މިލިޔަން ރުފިޔާ ލިބޭނެއެވެ. ގެ ހަދައި ނިންމުމަށް ނުވަތަ މަރާމާތުކުރުމަށް ދެ މިލިޔަން ރުފިޔާގެ ލޯނު ދޫކުރާ އިރު، ގޭގެ ފާނިޝިންގް ފަދަ ކަންކަމަށް ވެސް ދެ މިލިޔަން ރުފިޔާގެ ލޯނު ބީއޯސީގެ ލޯނު ސްކީމުގެ ދަށުން ދޫކުރާނެއެވެ.
މި ލޯނު ނެގުމަށް ޝަރުތު ހަމަވާނީ އުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ ދިވެހީންނާއި، ގެދޮރު އިމާރާތްކޮށްދޭ ކުންފުނިތަކާއި، އަދި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށެވެ.
ރާއްޖޭގައި 1981 ވަނަ އަހަރުން ފެށިގެން ޚިދުމަތް ފޯރުކޮށްދެމުންދާ ބޭންކް އޮފް ސިލޯންއިން މި ތަޢާރަފްކުރި ލޯން ސްކީމަކީ، ފަސް އަހަރު ތެރޭގައި އަނބުރާ ދައްކާނަމަ 11 ޕަސަންޓުގެ އިންޓްރެސްޓުގައި، އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަހުން އަނބުރާ ދައްކާނަމަ 12 ޕަސަންޓުގެ އިންޓްރެސްޓުގައި ދޫކުރާ ލޯނެކެވެ.
މި ލޯނު އަނބުރާ ދެއްކުމަށް ދެ އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭ އިރު، ލޯނު އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތަކީ ގްރޭސް ޕީރިއަޑު ވެސް ހިމެނޭ ގޮތަށް 15 އަހަރު ދުވަހެވެ.