ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 17:14
ވެލާނާގެ
ވެލާނާގެ
މުހައްމަދު ޝަރުހާން
ދައުލަތަށް އަނބުރާ ފައިސާ ހޯދުން
އޭސީސީން ހޯދަން އެދުނު 35 މިލިއަނުން، ލިބުނީ 2 ލައްކަ
18 މައްސަލައެއްގައި ހިމެނޭ ފައިސާ އަނބުރާ ހޯދުމަށް ވަނީ އެދިފައި
ހެލްތު މިނިސްޓްރީން 31 މިލިއަން ދައުލަތަށް އަނބުރާ ދައްކަންޖެހޭ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެއް މިލިއަން ދައްކަންޖެހޭ

2022 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން 35 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވާކަމަށް, އެ ކޮމިޝަނުން ބުނެފިއެވެ.

މިއީ ކޮރަޕްޝަންގެ މައްސަލަތަކުގެ، ދައުލަތަށް ލިބެންޖެހޭ ފައިސާއެވެ. އޭސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން، މިފަދަ މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ 35،387،768.51 (ތިރީސް ފަސްމިލިއަން ތިންލައްކަ އައްޑިހަ ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް އަށްރުފިޔާ, ފަންސާސް އެއްލާރި) ހޯދުމަށް އޭސީސީން ވަނީ އެދިފައެވެ. މިއީ 18 މައްސަލައެއްގައި ހިމެނޭ ފައިސާކަމަށް އޭސީސީން ބުނެފައިވެއެވެ.

2022 ވަނަ އަހަރު ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދުމަށް ނިންމި އަދަދު 75،286،805.51 (ހަތްދިހަ ފަސްމިލިއަން ދެލައްކަ އަށްޑިހަ ހަހާސް އަށްސަތޭކަ ފަސް ރުފިޔާ، ފަންސާސް އެއްލާރި) އަށް އަރާކަމަށް އޭސީސީން ބުނެއެވެ. މިއީ 25 މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ 35 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން އެދުނުނަމަވެސް، އަނބުރާ ހޯދިފައިވަނީ 248،657.70 (ދެލައްކަ ސާޅީސް އަށްމިލިއަން ހަސަތޭކަ ފަންސާސް ހަތްރުފިޔާ، ހަތްދިހަ ލާރި) ކަމަށެވެ.

އޭސީސީން ވަނީ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އަންގާފައިވާ އިދާރާތައްވެސް ހާމަކޮށްފައެވެ. މިގޮތުން އެންމެ ބޮޑު އަދަދެއް ދައުލަތަށް ދައްކަންޖެހެނީ ހެލްތު މިނިސްޓްރީންނެވެ. އެ އިދާރާއިން 31،052،025 (ތިރީސް އެއްމިލިއަން ފަންސާސް ދެހާސް ފަންސަވީސް) ރުފިޔާ ދައުލަތަށް ދައްކަންޖެހެއެވެ. އެއިދާރާއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައުލަތަށް ދައްކާފައެއް ނުވެއެވެ.

މީގެ އިތުރުން ރަށު ކައުންސިލްތަކުން 1،483،711.27 (އެއްމިލިއަން ހަތަރުލައްކަ އައްޑިހަ ތިންހާސް ހަތްސަތޭކަ އެގާރަ ރުފިޔާ، ހަތާވީސް ލާރި) ދައުލަތަށް ދައްކަންޖެހޭއިރު, އެ އިދާރާތަކުން މިހާތަނަށް ދައްކާފައިވަނީ 39،543.79 (ތިރީސް ނުވަހާސް ފަސްސަތޭކަ ސާޅީސް ތިންރުފިޔާ، ހަތްދިހަ ނުވަލާރި) ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން 1،198،522.59 (އެއްމިލިއަން އެއްލައްކަ ނުވަދިހަ އަށްހާސް ފަސްސަތޭކަ ބާވީސް ރުފިޔާ، ފަންސާސް ނުވަ ލާރި) ދައުލަތަށް ދައްކަންޖެހޭއިރު، މިހާތަނަށް ދައްކާފައިވަނީ 72،960.21 (ހަތްދިހަ ދެހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ، އެކާވީސް ލާރި) އެވެ.

ފިނޭންސް މިނިސްޓްރީން 144،494.65 (އެއްލައްކަ ސާޅީސް ހަތަރުހާސް ހަތަރުސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ، ފަސްދޮޅަސް ފަސްލާރި) ދައުލަތަށް ދައްކާންޖެހޭއިރު، އެ އިދާރާއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެއެވެ.

ހޯމް މިނިސްޓްރީން 750،000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާ ދައުލަތަށް ދައްކަންޖެހޭއިރު، އެ އިދާރާއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައެއް ނުވެއެވެ. މީގެ އިތުރުން، ސިޓީ ކައުންސިލްތަކުން 759،015 (ހަތްލައްކަ ފަންސާސް ނުވަހާސް ފަނަރަ) ރުފިޔާ ދައުލަތަށް ދައްކަންޖެހޭއިރު، އެ ކައުންސިލްތަކުން ދައުލަތަށް ދައްކާފައިވަނީ 131،960.7 (އެއްލައް ތިރީސް އެއްހާސް ނުވަސަތޭކަ ފަސްދޮޅަސްރުފިޔާ، ހަތް ލާރި) އެވެ. އަދި ޝަރުއީ ދާއިރާއިން 4،193 ރުފިޔާ ދައުލަތަށް ދައްކާފައިވާކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 32،105،362.48 (ތިރީސް ދެމިލިއަން އެއްލައްކަ ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެރުފިޔާ، ސާޅީސް އަށްލާރި) އަށް އަރާކަމަށް އޭސީސީން ބުނެފައިވެއެވެ. މިއީ 3 މައްސަލައެއްގައި ހިމެނޭ ފައިސާ ކަމަށާއި، މި ފައިސާވެސް އަނބުރާ ހޯދުމަށް އެދިފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

- ކޮމެންޓް