ފަރެސްމާތޮޑާއާއި ގުޅިފައިވާ ސަރަޙައްދުން ޤަވައިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ވެލިނަގާ ބޭރު ކުރަމުންދާތީ އެކަން ވަގުތުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އަންގާރަ ދުވަހު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްޤީ ކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަޙައްދަކުން ނަގާފައިވާ ވެލި، އެ ޕްރޮޖެކް ޓަށް ބޭނުންކުރުމަށްފަހު ބާކީވާ ވެލިން 45000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަށް ބޭނުންކުރުން އެންމެ ރަނގަޅުކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީން ސިޓީއަކުން މިނިސްޓްރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ ކަމަށެވެ.
އަދި ފަރެސްމާތޮޑާގެ ފުޓްބޯޅަދަނޑު ރަނގަޅު ފެންވަރެއްގައި ހެދުމަށްޓަކައި ބޭނުންވާ ވެލި އެއާޕޯޓް ޕްރޮޖެކްޓްގެ ތެރެއިން ގެންދިއުމަށް ޔޫތް މިނިސްޓްރ އާއި ޕްލޭނިން މިނިސްޓްރާއި އެމްޓީސީސީ އާއި ދެމެދު މަޝްވަރާ ކުރެވި، ވެލި ނުލިބުމުގެ ސަބަބުން އެ މަސައްކަތްވެސް ނުފެށިވާ ކަމަށް އެ މައްސަލައިގައިވެއެވެ.
މީގެ އިތުރުން ފަރެސްމާތޮޑާގެ ދެކުނު ފަރާތް ހިއްކުމަށްޓަކައި ފަސް ނެގުމަށް ސާވޭގައި ހިމެނިފައިވަނ އެތެރެވަރީގެ 2 ތިލައަކުން ކަމަށްވާ ހިނދު، ފަރެސް މާތޮޑާ އާއި ގުޅިފައިވާ ސަރަޙައްދު ކޮނެގެން 45000 ކޮޑި މ ޓަރުގެ ވެލި ފުވައްމުލަކަށް ގެންދިއުމަކީ ވަރަށް ޒިއްމާދާރުކަންކުޑަ އަދި އެކަމުގެ ސަބަބުން މިސަރަޙައްދުގެ ވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
ފުވައްމުލަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާއާއި ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ނެގުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީން ހުއްދަ ދީފައިނުވާއިރު، މިގޮތަށް ވެލިގެންދިއުމަކީ ޤަވައިދާ ޚިލާފަށް ކުރަމުންދާ ކަމަކަށްވާތީ މިހާރުން މިހާރަށް ފަރެސ މާތޮޑާ ސަރަޙައްދުން ކޮނެގެން ވެލިނަގާ ވެލި ބޭރުކުރުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ. ނުފެންނަކަމަށް 32 މެމްބަރުން ވޯޓުދެއްވިއެވެ.
ފަރެސްމާތޮޑާ އާއި ގުޅިފައިވާ ފަޅުގެ ސަރަހައްދުން ގިނަ އަދަދެއްގެ ވެލި ނަގާ މައްސަލައިގައި ފަރެސްމާތޮޑާ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.