ކޮތަޅުން ފީނެގުން އިސްތިސްނާވާ ހާލަތުތައް މަޖިލީހުން އުނިކުރި އެކަށީގެންވާ ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމަށް އެންވައިރިމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ކޮތަޅުން ފީނެގުން އިސްތިސްނާވާ ހާލަތުތައް ހިމެނޭ މާއްދާ އުވާލި ގޮތާމެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރަމަންޓް މިނިސްޓަރުގެ ޚިޔާލު ތަފާތެވެ. ކޮތަޅުބޮނޑީގެ އަގު ބޮޑުވުމާއި ގުޅިގެން އާއްމުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ކަމަށެވެ. ނަމަވެސް މި ބިލް މަޖިލީހުން ފާސްކުރިއިރު މި މާއްދާ ވަނީ އުނިކޮށްފައިކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މާއްދާ ބިލުން އުނިކުރި ނަމަވެސް ކުނި މެނޭޖުކުރުމުގެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީ ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށްވެސް ބަޔާނުގައިވެއެވެ. އެކަމާއި ގުޅިގެން އަންގާރަ ދުވަހު މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އެގޮތުން ކޮތަޅުން ޓެކްސް ނެގުމުން ތަކުލީފު އުފުލަން ޖެހުނީ މަޖިލީހުން ގެނައި އިސްލާހުތަކުގެ ސަބަބުން ކަަމަށް ވިދާޅުވެފައިވާނެތޯ ޔާސިރު ވަނީ ސުވާލުކުރައްވާފައެވެ.
ޖަވާބުގައި މިނިސްޓަރު ވަނީ ސަރުކާރުން ޤާނޫނު މަޖިލީހަށް ހުށަހެޅި އިރު ޕްލާސްޓިކް ކޮތަޅުން ފީ އިސްތިސްނާވާ ހާލަތުތައް ހިމަނާފައިވާނެ ކަމަށެވެ. މިނިސްޓަރުގެ ވާހަކަ ކުރިއަށް ގެންދަވަނިކޮށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނިންމުމަކީ މަޖިލީހުގެ އެކަނި ނިންމުމެއްތޯ ސުވާލުކުރައްވާފައެވެ. އެ މާއްދާ އުނިކުރުމަށް މިނިސްޓްރީންވެސް އިންކާރުކުރައްވާފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ މާއްދާ އުނިކުރަން މިނިސްޓްރީން ވާގިދިން ކަމަށް ކޮމިޓީގެ ޔައުމިއްޔާއިން އެނގޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ މި މައްސަލަ އާއި ގުޅުން ހުރި މަޖިލީހުގެ ނިންމުންތަކާއި ކޮމިޓީތައް ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްތިސްނާވާ ހާލަތްތައް އުނިކުރި ސަބަބެއް ނުފެނުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ކޮމިޓީގެ ނިންމުންތައް ނިންމި ސަބަބު ވަރަށް ސާފުކަމަށާއި އެ ކަން ކުރިން މަޖިލީހުގައި ފާހަގަކުރައްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ފީ ދައްކަން ނުޖެހޭ ގޮތަށް އޮތް މާއްދާ އުނިކުނީ މަޖިލީހުގެ ކޮމިޓީން ވަރަށް ގިނަ ކަންކަން ބެލުމަށް ފަހުގައި ކަަމަށެވެ.
އެގޮތުން ކޮމިޓީން އެ ކަން ކޮށްފައިވަނީ ޕްލާސްޓިކް ކޮތަޅުބޮނޑިން އަގު ނެގުން ހުއްޓާލުމުން ދިމާވާނެ 15 ގޮންޖެހުމެއްގެ ވާހަކަ ފާހަގަކުރުމަށް ފަހުގައި ކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅުބޮނޑި ގަންނަ މީހުންގެ އަދަދު އިތުރުވެ އެއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގަނޑުކޮށް ކޮތަޅު ގަންނަނީ ގިނައިން ވިޔަފާރިވެރިން ކަމަށާއި އެކަމުގެ ސަބަބުން ޕްލާސްޓިކް ކޮތަޅު ލިބޭ ލިބުން ދަށް ނުވާނެ ކަމަށާއި، ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރުމަށް ބާރު ނޭޅޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.