ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓަށް އަރބަންކޯއިން ހުޅުމާލެއިން ބިމެއް ދީފިއެވެ.
ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ބިން، ޔޫތު މިނިސްޓްރީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އަރބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ.
އަރބަންކޯއިން ބުނީ ހުޅުމާލެއަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައި ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޔޫތު މިނިސްޓްރީއަށް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހުޅުމާލެއިން ބިމެއް ދޫ ކުރަން ނިންމީ އެ މަސައްކަތުގެ ދަށުން ކަމަށެވެ.
ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް އަރބަންކޯއިން ޔޫތު މިނިސްޓްރީ ބިން ދޫކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. އެއީ 5.4 ހެކްޓަރުގެ ބިމެއް ކަމަށް އަރބަންކޯއިން ބުނެއެވެ.
އަރބަންކޯއިން އަންނަނީ މިހާރު ވެސް ހުޅުމާލޭގައި ތަފާތު ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކޯޓުތަކާއި ސްކޭޓް ޕާކްތަކުތައް ތަރައްޤީކުރުމާއި މޫދު ކުޅިވަރުތައް ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ހިމެނެއެވެ.
މީގެ އިތުރުން އަރބަންކޯއިން އަންނަނީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ކޮމިއުނިޓީ ހަބެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކުގައި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުން އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ގިނަ ހަރަކާތްތަކެއް ހިނގޭނެގޮތަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ހަބެކެވެ.