Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 05:45
ނޮވެމްބަރ 17 އަށް ތައްޔާރުވުމަށް އެމްޑީޕީ އިން  ހުޅުމާލޭގައި ކުރިއަށް  ގެންދިޔަ "ޕިކަޕްް ޖަލްސާ"
ނޮވެމްބަރ 17 އަށް ތައްޔާރުވުމަށް އެމްޑީޕީ އިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "ޕިކަޕްް ޖަލްސާ"
ރާއްޖެ އެމްވީ
އެމްޑީޕީ
ނޮވެމްބަރ 17 އަށް ތައްޔާރުވުމަށް އެމްޑީޕީ އިން "ޕިކަޕްް ޖަލްސާ" ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި
އެމްޑީޕީން ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް 17 ނޮވެމްބަރުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައިވޭ
މި އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު ވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު އެމްޑީޕީން ވަނީ ބޮޑު އެއްވުމެއް ބާއްވާފަ

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނޮވެމްބަރ 17 ވަނަ ދުވަހު ބާއްވާ އެއްވުމަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވަ "ޕިކަޕްް ޖަލްސާ" ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ނޮވެމްބަރު 17އިގައި އާއްމުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ސަބަބުތަކަށް އަލިއަޅުވާލާފައިވެއެވެ. އެމްޑީޕީން ބުނީ މިހާރު ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތްތަކަކީ ނޮވެމްބަރ 17އިގެ އެއްވުމުގައި ވީހާ ވެސް ގިނަބަޔަކު ބައިވެރިކުރުމަށް ހިތް ވަރުދިނުމަށް ގޮވާލާ ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

މި ޕިކަޕް ޖަލްސާގައި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެން ޤަވާއިދާއި އުސޫލުތަކާއި ޚިލާފަށް ސަރުކާރުން ހިންގާ ކަންކަން ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެ ހަރަކާތުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ވެސް ވަނީ މި ހަރަކާތުގައި ބައިވެރި ވެފައެވެ.

ނޮވެމްބަރ 17 އަށް ތައްޔާރުވުމަށް އެމްޑީޕީ އިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "ޕިކަޕްް ޖަލްސާ"

އެމްޑީޕީން ކުރިޔަށް ގެންދިޔަ މި ޕިކަޕް ޖަލްސާގެ ހަރަކާތްތައް ފެށިފައިވަނީ ހޮނިހިރު ދުވަހު ގެ ރޭ 09:00 އެހާ އިރެވެ. އެ ހަރަކާތުގައި ޝުއޫރު ފާޅު ކުރި ފަރާތްތަކުން މި ސަރުކާރުން ކުރަމުން ގެންދާ ވައްކަމަށް އަޅާ ނުލާ ތިބެން ހެޔޮނުވާނެ ކަމަށް ބުނެފައެވެ. އަދި މިއީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރަންވީ ވަގުތުކަން ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރުން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ގައި ހައްޔަރުކޮށް ޖަލުގައި ބަންދު ކޮށްފައިވާ ސިޔާސީ ހައްޔަރީން ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލާފައިވެއެވެ.

ގާތްގަނޑަކަށް ދެ ގަޑި އިރަށް ދެމިގެން ދިޔަ މި ހަރަކާތުގެ ތެރެއިން ފާޅުގައި މި ސަރުކާރުން ހިންގަމުން ގެންދާ ކޮރަޕްޝަނުގެ އަމަލުތަކުގެ ވާކަތައް ދައްކަމުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ޕިކަޕް ބުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު ވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު އެމްޑީޕީން ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރު ޖަވާބުދާރީ ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ނިންމާފައި ވަނީ މި އޮކްޓޯބަރ މަހުއެވެ.

އެގޮތަށް ނިންމާފައި ވަނީ 5 އޮކްޓޯބަރގައި ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.

- ކޮމެންޓް