ރޮމެލޫ ލުކާކޫގެ މޮޅު ކުޅުމާއެކު އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން މޮޅުވެއްޖެ އެވެ.
އެމްޕޮލީގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އިންޓަ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ލުކާކޫ ވަނީ ދެ ލަނޑު ޖަހައި، އަނެއް ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. މެޗުގައި އިންޓަ އިން ތިން ލަނޑު ވެސް ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ލުކާކޫ ވަނީ އިންޓަ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން 76 ވަނަ މިނެޓުގައި އިންޓަގެ ލީޑު ލުކާކޫ ފުޅާކޮށްދިނީ ހަކާން ޗަލްހަނޮގްލޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ލަނޑުންނެވެ. އިންޓަގެ ފަހު ލަނޑު 88 ވަނަ މިނެޓުގައި ޖެހީ ލައުޓާރޯ މާޓިނޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މޮޅާއެކު އިންޓަ އޮތީ އިޓާލިއަން ލީގުގެ ހަ ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު 31 މެޗުން 54 ޕޮއިންޓާއެކު އެވެ.