ކުނި "ފަރުބަދަ" މަދު ނުކޮށްފި ކޮންމެ ދިހަ އަހަރަކުން ތިލަފުއްޓެއް ބިނާކުރަން ޖެހޭނެކަމަށް އެންވައިރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވަނީ ކުނީގެ މައްސަލަ އާއި ގުޅޭގޮތުން ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ. އެ ޓްވީޓްތަކުގައި މިނިސްޓަރ ވިދާޅުވީ ކުނީގެ މައްސަލަ އަކީ ދިވެހިރާއްޖެއަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި އުކާލަން ޖެހޭކަަމަށް ވިދާޅުވިއެވެ. އޭގެތެރެއިން %12 އަކީ ޕްލާސްޓިކް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑު ކުރުމާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ އެއްވެސް މީހަކު އަލަށް ތައާރަފް ކުރާ ޓެކްސްއަކަށް ތާއީދެއް ނުކުރާނެ ކަމަށާއި ދިގު މުއްދަތަަކަށް ބަލާ ނަމަ ޕްލާސްޓިކް ކޮތަޅުން އާމްދަނީ އިތުރު ނުވާނެ ކަމަށެވެ. އެގޮތުން އާއްމުން ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ކޮތަޅު ބޭނުން ކުރުމަކީ ކޮތަޅުން ލިބޭ އާމްދަނީ ދަށަށް ދާނެކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވާއިރު ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށުމާ ގުޅިގެން އާއްމުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް، ކުނި މެނޭޖްކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.