ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 13:56
ހިޔާ ފްލެޓް ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް
ހިޔާ ފްލެޓް ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް
ވެމްކޯ
ކުނީގެ މައްސަލަ
ވޭސްޓް ޓްރާންސްފާ ޕްލާންޓް - އުޅަނދުން ކުނި ބޭރުވުމާއި ކުނި ވަކިކުރުމަށް ބޮޑު ހައްލެއް
މާލެއާއި ހުޅުމާލޭގައި ބޭނުންކުރުމަށްޓަކައި އިތުރު 14 ވަރަކަށް ވެހިކަލް ލިބޭނެ
ޑްރައި ވޭސްޓް ވަކިކުރެވިފައި ވެހިކަލްތަކުގެ ބޭރުން ވެސް އައިޑެންޓިފައިކުރެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެ

ޕިކަޕު ނުވަތަ ލޮރީގައި އައިސް ބާޖަށް ކުނި އަޅައިގެންދާއިރު ކުނި ބޭރުވާ މައްސަލަ ބޮޑުކަމަށާއި، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ނިމި ބޭނުންކުރަން ފެށުމުންކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓާއެކު ވެމްކޯގެ ފްލީޓް އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ޕްރޮޖެކްޓަށް ގާތްގަނޑަކަށް އިތުރު 14 ވަރަކަށް ވެހިކަލް މާލެއާއި ހުޅުމާލޭގައި ބޭނުންކުރުމަށްޓަކައި ލިބޭނެ ކަމަށެވެ. އެއީ އޮޕަރޭޝަން މިހާރަށްވުރެ ރަނގަޅުކުރުމަށް ކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މިހާރު ސެގްރިގޭޓްކުރި ކަމުގައިވީނަމަވެސް، އާންމުންނަށް އެކަން ނުފެންނަ އެންމެ ބޮޑު އެއް ސަބަބަކަށް ވަނީ އެއް ވެހިކަލްއެއްގައި ހުރިހާ ކުންޏެއް އުފުލާތީ ކަމަށެވެ. ސިރާޖު ވިދާޅުވީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް ނިމުމުން ޑްރައި ވޭސްޓް ވަކިކުރެވިފައި ވެހިކަލްތަކުގެ ބޭރުން ވެސް އައިޑެންޓިފައިކުރެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ ސަބަބުން އެންމެ ބޮޑު ބަދަލެއް އަންނާނީ ކުނި އުފުލުމުގެ ނިޒާމަށް ކަމަށާއި، ޓްރާންސްފާ ފެސިލިޓީ ނިމިގެން ދިޔުމުން ކޮމްޕެކްޓަރުތަކުން އައިސް ކޮންޓެއިނަރުތަކަށް ކުނި އެޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެއް އުޅަނދަކަށް ހުރިހާ ކުންޏެއް އަޅައިގެން ގެންދާއިރު ވަރަށް ބައިވަރު ކުނި ބޭރަށް އެޅުމާއި، އެފަދަ ކަންކަމުގެ ވަރަށް ބައިވަރު ޝަކުވާ ދޭތެރެ ދޭތެރެއިން އަންނަ ކަމަށެވެ. ނަމަވެސް މި ފެސިލިޓީ ނިމިގެން ކޮންޓެއިނަރުތަކަށް ކުނިއެޅިގެން ބޭރުކުރެވެން ފެށުމުން، އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެއީ ވޭސްޓް ޓްރާންސްފާ ކުރުމުގައި ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށް ސިރާޖު ފާހަގަކުރެއްވިއެވެ.

- ކޮމެންޓް