ހދ.މަކުނުދޫ ސްކޫލްގައި އިމާރާތް ކުރާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ލަސްވާތީ އަވަސް ކުރުމަށް އަންގާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރީން ބުނެފިއެވެ.
މިމަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ މަކުނުދޫ ސްކޫލްގައި އިމާރާތް ކުރާ މަލްޓިޕަރޕަސް ހޯލްގެ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާ ސްޕީޑް ލަސްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެމަސައްކަތް ކުރަމުންދާ ކުންފުންޏަށް ރަނގަޅު ކުރަންޖެހޭ ކަންކަން އަންގާފައިވާ ކަމަށާއި، މިތާހަނަށް އައިރު މަސްކަތް ލަސްވާތީ ނޯޓިސް ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމް ކޮންސްޓްރަޝަންއާ މަކުނުދޫ ސްކޫލުގެ ޕްރޮޖެކްޓް ހަވާލުކޮށް ޕްރޮގްރެސް ވަރަށް ލަސްކަމުން އަޅުގަނޑުމެން ބޭފުޅުންނަށް އަންގާފައި އޮންނާނީ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް. އެއް ނޯޓިސް ދެވިފައި ވަނީ. މިހާރު ރަނގަޅު ކުރަންވީ ކަންކަން އެކަންކަން އެބޭފުޅުންނާއި ހިއްސާކޮށްފައިވަނީ އަދި އެކަންކަން ރަނގަޅު ނުކޮށްފިނަމަ ދެވަނަ ނޯޓިސްއަކަށްފަހު އަޅުގަނޑުމެން ޓާމިނޭޓް ކުރާނެ. މިމަސައްކަތް ހަވާލުކޮށްފައި މިވަނީ 2022 ގެ މެއި 26 ގައި.އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ
މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 12 މިލިއަން ރުފިޔާއަށެވެ. މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމާގޮތަށް މަސައްކަތް ހަވާލުކޮށްފައިވަނީ 26 މެއި 2022 ގައެވެ. ނަމަވެސް މިއަހަރުގެ މިހިސާބަށް އައިރު މަލްޓިޕަރޕަސް ހޯލްގެ ފައުންޑޭޝަން އެޅުން ފިޔަވައި އިތުރު މަސައްކަތެއް ކުރެވިފައިނުވާ ކަމަށް މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެފައިވެއެވެ. އަދި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވިއެވެ.
އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އައިޝަތު އަލީއެވެ. އެއިމް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝަމްސުﷲ ފަޒީލް އެވެ.