ކ. މާލެ
|
22 އޭޕްރިލް 2023 | ހޮނިހިރު 06:49
ހަވާ އަރުވަނީ
ހަވާ އަރުވަނީ
އެމްއެންޑީއެފް
131 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުން
131 ވަނަ ސިފައިންގެ ދުވަސް: މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާ އަރުވައިފި
ހަވާއަރުވާފައި ހުކުރު ދުވަހުގެ ރޭ 20:30 ހާއިރު

131 ވަނަ ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިލިޓްރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ޖުމްހޫރީ މައިދާނު ސަރަހައްދުގައި ހަވާ އަރުވައިފިއެވެ.

ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިލިޓްރީ ބޭންޑުން ހުކުރު ދުވަހުގެ ރޭ 20:00 ގައި ޖުމްހޫރީ މައިދާނު ސަަރަހައްދުގައި މިލިޓްރީ ބޭންޑްގެ ހުށަހެޅުންތައް ކުރިއަށްގެންދިޔައިރު ހަވާއަރުވާފައިވަނީ ހުކުރު ދުވަހުގެ ރޭ 20:30 އެހާއިރުއެވެ.

ސިފައިންގެ މިލިޓްރީ ބޭންޑްގެ ހުށަހެޅުންތަކާއި ހަވާއެރުވުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މި ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ވަނީ ޖުމްހޫރީ މައިދާނު ސަރަހައްދަށް ޖަމާވެފައެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހު ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ސިފައިންގެ ޝަރަފްގެ ހިނގާލުން ބާއްވާފައެވެ. މި ހިނގާލުން ބެލުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން ވަނީ މަގުތަކަށް ނިކުމެފައެވެ. މި ހިނގާލުމުގެ ތެރެއިން ސިފައިންގެ ތަފާތު އުޅަނދުތައް ވެސް ވަނީ ދައްކާލާފައެވެ. މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް ވެސް ސިފައިން ވަނީ ހުށަހަޅައިދީފައެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހު އެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕުރީލް މަހުގެ 21 ވަނަ ދުވަހެވެ.

- ކޮމެންޓް