އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި ރާއްޖެ ޓީވީ ގުޅިގެން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ރަންތާޖު" ޤުރުއާން މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކުރާ ހަތް ބައިވެރިން އިއުލާންކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ އޮތް މުބާރާތުގެ ފަސް ވަނަ އެޕިސޯޑުގައި، މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރާ ބައިވެރިންގެ ގޮތުގައި ހޮވިފައިވަނީ ޔައީޝް މުހައްމަދު ނިޔާޒް އާއި މުހައްމަދު ސާއީ މުބާރިކް އާއި އަބްދުﷲ ތާލިބު އާއި އަހުމަދު ސުޖާއު އާއި މުހައްމަދު މުސްތަފާ އާއި މަރިޔަމް ޒަހުވާ އާދިލް އަދި ފާތިމަތު ތުގާ ހަލީމްއެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުން މުބާރާތާ ވަކިވެފައިވަނީ ދަހްލާން މުހައްމަދު ރިޒާ އާއި މަރިޔަމް އަރީން އީސާއެވެ. އެގޮތުން، މުބާރާތުގެ ނުވަ ވަނަ ދަހުލާން ހާސިލް ކޮށްފައިވާއިރު އަރީން އަށް ލިބިފައިވަނީ މުބާރާތުގެ އަށްވަނަ އެވެ.
ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:30ގައި ރާއްޖެ ޓީވީން ގެނެސްދިން މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތެވެ. އެގޮތުން މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3 ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ. ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ދަނީ 6 އެޕިސޯޑަށް ބަހާލައިގެންނެވެ.
ހުކުރު ދުވަހުގެ ރޭ ފަސްވަނަ ބުރުގެ ބައިވެރިން ކިޔަވާފައިވާއިރު އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭގެ އެޕިިސޯޑުގައި ދެ ބައިވެރިން ކަޓާނެއެވެ. އެއާއެކު މުބާރާތުގެ ފަސް ފައިނަލިސްޓުން އިއުލާންކުރާއިރު މުބާރާތުގެ ނަތީޖާ ފާޅު ކުރުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭއެވެ.