މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމަށްފަހު އިއްވި ބަޔާނުގައި ވަނީ، އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ހަނދު ފެނިފައިވާތީއާއި، ރާއްޖޭގައި މިހާތަނަށްވެސް އަމަލުކުރާ އުސޫލުގެ މަތިން، މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައެޅީ ކަމަށެވެ.
މާދަމާއަކީ ފިތުރު އީދުކަމަށް އެންމެ ފުރަތަމަ ކަނޑައެޅި ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ ހިމެނެއެވެ. އެ ގައުމުން އެގޮތަށް ކަނޑައެޅީ ހަނދު ފެނިގެން ރިޕޯޓްކުރުމާއެކުގައެވެ. ސައޫދީގެ ހަނދު ބަލާ ކޮމިޓީން ބުރާސްފަތި ދުވަހު ބުނީ، ރޯދަ މަހުގެ ފަހު ދުވަހަކީ 20 އޭޕްރިލް ކަމަށެވެ. އަދި ފިތުރު އީދު ދުވަސް ފާހަގަކުރަން ފަށާނީ ހުކުރު ދުވަހުން ފެށިގެން ކަމަށް ވަނީ ބުނެފައެވެ.
އިސްލާމީ ގިނަ ގައުމުތަކަށް މިރޭ ހަނދު ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.
މާދަމާއަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާއިރު، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަނަކީ; މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު، މަސްޖިދުލް މަލިކް ސަލްމާން (މިސްކިތާއި މާބްލް ސަރަހައްދު)، ހުޅުމާލެ ފޭސް 1 ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2 ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާގައި އޮންނަ ސަރަހައްދު) އަދި ވިލިމާލޭ ފުޓްބޯޅަ ދަނޑެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމިނަމަވެސް، މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދު ކުރާނެކަމަށެވެ.