ރިސޯޓުގެ އިސް މަޤާމުތަކުގައި ހަމައެކަނި ދިވެހިން ބޭތިއްބުމުން ރިސޯޓު ހިންގަން ދަތިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ޝަރީފް އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިސޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާބެހޭ ގޮތުން ބަހުސްކުރައްވަމުންނެވެ. ޝަރީފް ވިދާޅުވީ އެކައުންޓެންޓުނާއި ބޮޑެތި ހޮޓެލްތައް ހިންގުމުގެ ޤާބިލްކަން ހުރި ދިވެހިން، ހުރިހާ ރިސޯޓެއްގައި ބޭތިއްބޭ ވަރަށް ނެތް ކަމަށެވެ. އެ ޤާބިލްކަން ހުރި ދިވެހިން އެކަށީގެންވާ ވަރަށް ތިބި ނަމަ ދިވެހިން އެތަންތަނަށް ލުމަކީ ރަނގަޅު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އެކަން އެގޮތަށް ކޮށްފި ނަމަ ރިސޯޓްތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށް ވެގެންދާނެ ކަަމަށް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން އެކި ބަސްބަހުން މުއާމަލާތު ކުރަން އެނގޭ މީހުން ރިސޯޓްތަކުގެ އިސް ސަފުގައި ތިބުން މުހިންމު ކަމަށާއި އިނގިރޭސި ނޭނގޭ ފަތުރުވެރިންނަށް ވެސް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހަމައެކަނި ދިވެހިންނަށް ރިސޯޓްތަކުގެ އިސް މަޤާމުތަކުގައި ތިބެވޭ ގޮތަށް ޤާނޫނަކުން ހަމަޖެއްސުމުން އެކަށީގެންވާ ޤާބިލު މީހުން ނުލިބި ރިސޯޓްތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވަނީ އެއީ ސަރުކާރުން ވިޔަފާރިތައް ތެރެއަށް ވަދެ ވިޔަފާރިތައް ފުނޑާލުން ކަމަށް ސިފަކުރައްވާފައެވެ. ރާއްޖޭގެ އިގްތިސާދު މިހާ ހިސާބަށް އައީ ފަތުރުވެރިކަން ހިންގަން ގާބިލު މީހުން ތިބުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އެ ސިނާއަތުގައި އިންޓަރނޭޝަނަލް ޗެއިންގެ މީހުންނަށް ފުރުސަތު ގެއްލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ އިސް މަޤާމުތަކުގައި ދިވެހިންނަށް އެކަނި ތިބެވޭ ގޮތަށް ހަމަޖެއްސުމަށް ގޮވާލާ ގަރާރެއް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއެވެ. އެ ގަރާރުގައި އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުވީއިރު ވެސް ރިސޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމުގައި ގިނަ އަަދިވެސް ގިނަ އަަދަދެއްގެ ބިދޭސީން ތިބޭކަން ފާހަގަކުރައްވާފައެވެ. ފަތުރުވެރިކަމަކީ އިގްތިސާދުގެ ލޭނާރުކަމަށް ވާއިރު މިހާރު ރާއްޖޭގައި އެފަދަ މަޤާމުތަކަށް ބޭނުންވާ ގާބިލް މީހުންނަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދެވިފައި ހުންނަން ޖެހޭނެ ކަަމަށް ޤަބޫލުކުރައްވާ ކަމަށް ޖާބިރު ވަނީ އެ ގަރާރުގައި ވިދާޅުވެފައެވެ.