ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 03:05
ބަޔާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ ވާހަކަ ދައްކަނީ
ބަޔާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ ވާހަކަ ދައްކަނީ
ރޮއިޓާރސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ބަޔާންއާ ކުޅޭއިރު މާޒީގެ ނަތީޖާތަކަށް ނުވިސްނާނަން: ގާޑިއޯލާ
 
ފާއިތުވި އަހަރުތަކުގެ ނަތީޖާއަށް ބަލާކަށް ގާޑިއޯލާ ބޭނުމެއްނޫން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ނިކުންނައިރު، މާޒީގައި މެންޗެސްޓަރ ސިޓީ އަށް ލިބިފައިވާ ނާކާމިޔާބާއި، ބަޔާންގެ ކާމިޔާބަށް ބަލަން ބޭނުންނުވާ ކަމަަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބަޔާންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، ހުރިހާ ގޮތަކުން ފައިދާ އޮތީ ސިޓީ އަށެވެ. އެއީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން 3-0 އިން ކާމިޔާބުކޮށްފައި އޮތުމުންނެވެ. މީގެ ކުރިން ބަޔާނަށް އިރުޝާދު ވެސް ދީފައިވާ އަދި އެ ކުލަބާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ގާޑިއޯލާ ބުނީ، ޔޫރަޕުގެ މުބާރާތްތަކުގައި ސިޓީއާއެކު އޭނާ އަށް ބޮޑު ކާމިޔާބެއް ނެތް ކަމަށެވެ. ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގަށް ބެލި ނަމަވެސް، އޭނާ އަށް ފާއިތުވި އަހަރުތަކުގައި ސިޓީއާއެކު އޮތީ ނާކާމިޔާބު ކަމަށާއި ނަމަވެސް އެކަމަށް ބަލަން ބޭނުންނުވާ ކަމަށެވެ.

ގާޑިއޯލާ ބުނީ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގަކީ ވެސް އެއް ފުޓުބޯޅަ މެޗު ކަމަށާއި ދެ ޓީމުން ވެސް ފެންނާނީ 11 ކުޅުންތެރިން 11 ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ ތަން ކަމަށެވެ. ނަމަވެސް އޭނާ ބުނީ ސިޓީން މަސައްކަތް ކުރާނީ މުހިންމު މެޗުގައި އިދިކޮޅު ޓީމަށް ވުރެ މޮޅަށް ކުޅެން ކަމަށެވެ. ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުން އަންނަ ގާޑިއޯލާ ބުނީ، ހަމައެކަނި ނަތީޖާއަށް ބަލައިފި ނަމަ، ނުވަތަ މާޒީގައި ކޮށްފައިވާ ކަންތައްތަކަށް އެކަނި ބެލުމަކީ ވެސް ގޯހަކަށް ވެދާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ސިޓީން ޖެހޭނީ އެމީހުންގެ އަމިއްލަ ގޭމު ކުޅޭށެވެ. އަދި މި ފާއިތުވި މަދު ދުވަސްތަކުގައި ތައްޔާރުވަމުން އައީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އަހަރަމެން މިތަނަށް މި އައީ އެންމެ ފުޓުބޯޅަ މެޗެއް ކުޅުމަށް. އެގާރަ ކުޅުންތެރިން އެގާރަ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭނީ، އަހަރެމެން މަސައްކަތް ކުރާނީ މިކަހަލަ ޚާއްސަ މެޗުތަކުގައި ވެސް އިދިކޮޅު ޓީމަށް ވުރެ މޮޅަށް ކުޅުމަށް.
ޕެޕް ގާޑިއޯލާ / މެންޗެސްޓަރ ސިޓީގެ ކޯޗު ގާޑިއޯލާ

ބަޔާންގެ ތާރީޚަށް ބަލާއިރު، އެއީ ކާމިޔާބު ތާރީޚެއް އޮތް ޓީމެއްކަން ގާޑިއޯލާ ފާހަގަކުރި އެވެ. އަދި އެއީ އެޑްވާންޓޭޖެއް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ގާޑިއޯލާ ބުނީ ދެ ވަނަ ލެގުގައި ކުޅެން ޖެހޭނީ ތާރީޚާ ދެކޮޅަށް ނޫން ކަމަށާއި، ކުޅެން ޖެހޭނީ 11 ކުޅުންތެރިންނާ ދެކޮޅަށް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނަށް އިތުބާރު އޮންނަ ކަމަށާއި، ބޭނުންވަނީ ފަހަރަކު ހަރުފަތަކުން ކުރިއަށް ދާން ކަމަށެވެ. އެހެންކަމުން މިވަގުތު ދައްކަން ބޭނުންވަނީ ހަމައެކަނި ކުއާޓާ މެޗުގެ ވާހަކަ ކަމަށް ވެސް އޭނާ ބުންޏެވެ.

ބަޔާންގެ ދަނޑުގައި ސިޓީން އެ ޓީމާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
50%
50%
0%
0%
0%
0%
ކޮމެންޓް