ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 08:17
ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު
ޕްރެޒިޑެންޓްސް ކަޕް ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި އީގަލްސްގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު
ޕްރެޒިޑެންޓްސް ކަޕް
އީގަލްސް އިން މެޗުތަކަށް ނުކުންނާނީ "ސަކަރާތް" ޖެހުމުގެ ނިޔަތުގައެއް ނޫން!
އޭނާ ބުނީ އީގަލްސް އިން ބޭނުން ވަނީ ވަރަށް ސީރިއަސް ކަމާއެކު މަސައްކަތްކޮށް، މެޗު ކާމިޔާބު ކުރަން ކަމަށް

ކުލަބު އީގަލްސް އިން މެޗުތަކަށް ނުކުންނާނީ ސަކަރާތް ޖެހުމުގެ ނިޔަތުގައި ނޫން ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އިން ސުޕަ ޔުނައިޓެޑު ސްޕޯޓްސް ކުލަބް (ސަސް)އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ބަލި ޙާލަތު ހުރި ގޮތުން އެ ޕްރެސް އަށް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) ހާޟިރު ނުވެ އެވެ. އެހެންވެ އީގަލްސްގެ ފަރާތުން އައީ އެސިސްޓެންޓް ކޯޗު މުއާވިޔަތު އެވެ. އޭނާ ބުނީ ޗެރިޓީ ޝީލްޑު މެޗު ކުޅުމަށްފަހު، އީގަލްސްގެ ފުރަތަމަ މެޗާ ދޭތެރޭ ދިގު މުއްދަތެއް ދިޔުމަކީ ޓީމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފަށަން އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ އީގަލްސް އާއި ކުލަބު ވެލެންސިއާ ބައްދަލު ކުރާ މެޗުންނެވެ. ނަމަވެސް ދިމާވި ކަމެއްގެ ސަބަބުން އެ މެޗު މިހާރު ވަނީ މި މަހުގެ 24 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެހެންކަމުން އީގަލްސްގެ ފުރަތަމަ މެޗަކަށް ވާނީ ސަސް މެޗެވެ.

މުއާވިޔަތު ބުނީ އީގަލްސް އިން އަބަދުވެސް ހުރިހާ މެޗަކަށް ވެސް ނުކުންނާނީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ. އަދި ފުރަތަމަ މެޗަށް ނުކުންނަ އިރު އީގަލްސްގެ މުހިންމު ދެ ކުޅުންތެރިޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީގަލްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަޙުމަދު ރިޒުވާން (ރިޒޭ) ހިމެނެ އެވެ. އޭނާ ބުނީ މުބާރާތުގައި ސަސް ފެންނަނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށާއި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) އާއެކު އެ ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ. ސަސް އިން ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި ޗެމްޕިއަން ވެލެންސިއާ ބަލިކޮށް، ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެހެންކަމުން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ސަސް އަށް ފަރު ޖައްސާލެވެން އޮންނާނެ އެވެ.

އެހެން ނަމަވެސް މުއާވިޔަތު ބުނީ އީގަލްސް އިން ނުކުންނާނީ އެ މެޗު ކާމިޔާބު ކުރަން ކަމަށާއި، އެ ޓީމުން އެއްވެސް މެޗަކަށް ނުކުންނަނީ "ސަކަރާތް" ޖެހުމަށް ނޫން ކަމަށެވެ. އޭނާ ބުނީ އީގަލްސް އިން ބޭނުން ވަނީ ވަރަށް ސީރިއަސް ކަމާއެކު މަސައްކަތްކޮށް، މެޗު ކާމިޔާބު ކުރަން ކަމަށެވެ. މުއާވިއަތު ފާހަގަ ކުރި ގޮތުގައި ރަމަޟާން މަހާ ދިމާކޮށް ބޮޑު މުބާރާތެއް ކުރިއަށް ދިޔުމަކީ އުނދަގޫ ކަމެކެވެ. ޚާއްސަކޮށް ކުޅުންތެރިން ރޯދަ އަށް ތިބެ ފަރިތަކުރުންތައް ކުރިއަށް ގެންދަން ޖެހޭތީއާއި ބިދޭސީ ކުޅުންތެރިން ވެސް މާހައުލަށް ހޭނުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ، އެކަމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

އީގަލްސް ނުކުންނާނީ އިރާދަކުރެއްވިއްޔާ މެޗު ކާމިޔާާބު ކުރަން. އީގަލްސް އެއްވެސް މެޗަކަށް ނުނިކުންނާނެ ސަކަރާތް ޖެހުމުގެ ނިޔަތުގައެއް. އީގަލްސް ނުކުންނާނީ ހަމަ ސީރިއަސް ކަމާއެކު އެ މެޗު ކާމިޔާބު ކުރުމުގެ އަޒުމުގައި މަސައްކަތް ކުރަން.
މުއާވިޔަތު އިލްހާމް / ކުލަބު އީގަލްސްގެ އެސިސްޓެންޓް ކޯޗު

މުބާރާތުގައި އީގަލްސް އިން ސަސްއާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެ ރޭ ދިހައެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް