ކ. މާލެ
|
18 އޭޕްރިލް 2023 | އަންގާރަ 11:53
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޓޮމް
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޓޮމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ފުޓުބޯޅައިގެ ޙާލަތު ގޯސްވީ ކުލަބުތަކުން އެފްއޭއެމަށް ބަރޯސާވާން ޖެހުމުން: ޓޮމް
އޭނާ ވިދާޅުވީ ނަތީޖާއެއް ގޮތުން އެފްއޭއެމްގެ ޚަރަދު ބޮޑުވެ، ޚަރަދު ނުބެލި އަދި ކުލަބުތަކުގެ ޑިމާންޑުތަކާ އެއްވަރަށް ފައިސާ ނުދެވިގެން ދިޔުމުގެ ނަތީޖާއަކީ ކުޅިވަރުގެ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް މިހ

ދިވެހި ފުޓުބޯޅައިގެ ޙާލަތު ގޯސްވީ ކުލަބުތަކުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބަރޯސާވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަަދޫ ދާއިރާގެ މެމްބަރު އަޙުމަދު ތާރިޤު (ޓޮމް) ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އެފްއޭއެމްގެ ރައީސްކަން ވެސް ކުރައްވާފައިވާ ޓޮމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލަށް ބަހުސް ކުރަމުންނެވެ. ޓޮމް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ކުލަބުތައް ހިންގަނީ ވިޔަފާރީގެ އުސޫލުން ކަމަށާއި، އެއީ ކުންފުނި ތަކެއްގެ ގޮތުގައި ހިންގާ ކުލަބުތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުން ޓޮމް ދެއްކީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއި، އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު އަދި ނިއުކާސަލް ޔުނައިޓެޑެވެ. އެހެންކަމުން އޭނާ ވިދާޅުވީ ހުރިހާ ކުލަބުތަކެއް ވެސް ހިންގަނީ ވިޔަފާރީގެ އުސޫލުން ފައިސާ ހޯދުމުގެ މޮޑެލަކަށް ކަމަށެވެ. ނަމަވެސް އެ މޮޑެލް ނުހިންގިގެން ނުވަތަ ރާއްޖޭގެ ކުލަބުތަކަށް ސަލާމަތް ނުވެވިގެން އުޅެނީ، އަބަދު ވެސް ސަރުކާރުން ފައިސާ ދޭން ޖެހިގެން ނުވަތަ ދީލަތި މީހެއްގެ އެހީ ލިބޭތީ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފަހުން އާޚިރުގައި ކަންތައްވީ އެފްއޭއެމް އިން ކުލަބުތަކަށް ފައިސާ ދޭން ޖެހޭ ގޮތް ވުން ކަމަށާއި، އެއީ އޭރު އެ އިދާރާގެ ތެރޭގައި ހިނގައިދަ ކަންތައްތަކެއް ސަބަބުން ކަމަށެވެ.

މީގެ އިތުރުން ޓޮމް ވިދާޅުވީ، އެ ހާލަތަށް ދިޔުމުން އަމިއްލަ އަށް ފައިސާ ހޯދައިގެން ކުލަބުތައް ހިންގުމުގެ ވިސްނުން ނުހުންނަ ކަމަށެވެ. އެ ވިސްނުން ނެތެމުގެ ސަބަބުން ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބެއް ކަހަލަ ގޮތަކަށް ބަރޯސާވީ އެފްއޭއެމަށް ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައި އިރު ވެސް ކުލަބުތަކުގެ ޙާލަތު އޮތީ އެހިސާބުގައި ކަމަށް ކުރިން ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ޓޮމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަތީޖާއެއް ގޮތުން އެފްއޭއެމްގެ ޚަރަދު ބޮޑުވެ، ޚަރަދު ނުބެލި އަދި ކުލަބުތަކުގެ ޑިމާންޑުތަކާ އެއްވަރަށް ފައިސާ ނުދެވިގެން ދިޔުމުގެ ނަތީޖާއަކީ ކުޅިވަރުގެ ނިޒާމުގެ ތެރެއިން ގާތްގަނޑަކަށް މިހާރު ފުޓުބޯޅަ ނެތިފައި އޮތުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ. އެހެންކަމުން ޓޮމް ވިދާޅުވީ، ސަރުކާރުން ނުވަތަ ސަރުކާރުތަކުން ކުޅިވަރުގެ ސިޔާސަތުތައް އެކުލަވާލާއިރު އެފްއޭއެމް އަދި އެހެނިހެން ކުޅިވަރު އެސޯސިއޭޝަންތައް ވެސް ބާރުވެރި ކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ވީމާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ނުވަތަ އެފްއޭއެމް މެނޭޖު ނުވެގެން، ޚަރަދުތައް ނުބެލިގެން އަދި ކުލަބުތަކުގެ ޑިމާންޑާ އެއްވަރަށް އެމީހުންނަށް ފައިސާ ނުދެވިގެން ދިޔައީމާ، ރާއްޖޭގެ ކުޅިވަރުގެ ނިޒާމުގެ ތެރެއިން ފުޓުބޯޅަ މިއޮތީ ގާތްގަނޑަށް މިހާރު ނެތިފައި.
އަޙުމަދު ތާރިޤު (ޓޮމް) / ރައްޔިތުންގެ މަޖިލީހުގެ މަހިބަަދޫ ދާއިރާގެ މެމްބަރު

އެފްއޭއެމް އިން އަންނަނީ ކޮންމެ އަހަރަކު ވެސް ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ފައިސާގެ އެހީތެރިކަން ދެމުންނެވެ. އެގޮތުން ކޮންމެ ކުލަބަކަށް ވެސް އަހަރަކު އެ އިދާރާ އިން ތިން މިލިއަން ރުފިޔާ ދެއެވެ. ގިނަ ކުލަބުތަކުން ބާރޯސާ ވަނީ އެ ފައިސާ އަށެވެ.

ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު (ނިޔާ) އެވެ. ނިޔާ ވަނީ ކުޅިވަރުގެ ޤާނޫނަށް ހަތް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. ނިޔާޒް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި 2 ވަނަ މާއްދާގެ (ހ) އާއި (ފ)، ތިން ވަނަ މާއްދާގެ ފެށޭ އިބާރާތް، ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށެވެ. މީގެ އިތުރުން 4 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެ އެވެ. އެގޮތުން 3 ވަނަ މާއްދާގެ ފެށޭ އިބާރާތުން އިސްލާހުކޮށްފައި ވަނީ ތަފާތުނުކުރުމާއި ބެހޭ ތަފްސީލްތައް ހިމަނާފައިވާ ބައެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހުކުރަނީ ކުޅިވަރު ބެހިގެންވާ ބައިތައް ކަނޑައަޅާފައިވާ ގޮތް ބަޔާންކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ (1) ޓީމް ކުޅިވަރު، އަދި (2) ފަރުދީ ގޮތުން ވާދަކުރާ ކުޅިވަރެވެ.މި ނޫނަސް ބައެއް މުހިންމު އިސްލާހުތައް މި ބިލުގައި ހިމަނާފައިވެ އެވެ.

- ކޮމެންޓް
18 އޭޕްރިލް 2023 | އަންގާރަ 16:08
ޑެނީ
ޙެޔޮކޮއް ތިބުނީ