ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 08:54
ނައީމާ ދިރިއުޅެމުންދިޔަ ގެ
ނައީމާ ދިރިއުޅެމުންދިޔަ ގެ
ރާއްޖެއެމްވީ
ނައީމާގެ މަރު
ނައީމާގެ މަރުގެ ތަހުގީގާމެދު ޔަގީންކަން އެބައޮތް: ސީޕީ
ނައީމާ އަނިޔާތަކާއެކު މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ ހަތް ވަނަ ދުވަހު
ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މަނަދޫގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ނ. މަނަދޫގައި މަރުވެފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރާ ޓީމުގެ މަސައްކަތައް ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ނައީމާ، އޭނާ ދިރިއުޅެމުން އައި ގޭގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެގޮތުން، ނައީމާގެ ގޭ ކައިރީގައި އުޅުނު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށާއި، ނައީމާ ދިރިއުޅޭ ގެއަށް އޭނާ ހޯދުމަށް ދިޔަ ބައެއް މީހުންގެ ހަށިގަނޑުގެ ޑީއެންއޭ ސާމްޕަލްވެސް ނަގާފައިވާ ކަމަށް "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން މިހާރުވެސް ފުލުހުންގެ ޓީމުން ދަނީ ވަރުގަދަ ތަހުގީގެއް އެ ރަށުގައި ހިންގަމުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަ ނުކުރެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނައީމާ ދިރިއުޅެމުން އައި ގެއަށް ވަދެ ބެލިއިރު އޭނާ އޮތީ ކޮޓަރިތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާއެކު މަރުވެފައެވެ.

މި މައްސަލައާ ގުޅިގެން އާދީއްތަ ދުވަހުގެ ރޭ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނަދޫގައި ހަރަކާތްތެރިވާ ފުލުހުންގެ ތަހުގީގު ޓީމުން ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ނައީމާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ މީހުން ހޯދުމަށް ހަރަކާތްތެރިވާ އިންވެސްޓިގޭޓަރުންނާއި ފްރޮންސިކް އަދި މަނަދޫ ޕޮލިސްގެ ފުލުހުންގެ މަސައްކަތާމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ހަމީދު ވިދާޅުވިއެވެ.

ނައީމާގެ މަރާ ގުޅިގެން، ފުލުހުންވަނީ އެ އިދާރާގެ ހުއްދަ ނެތި ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. އަދި ހުއްދަ ނެތި އުޅަނދުފަހަރު އެ ރަށަށް ދަތުރުނުކުރުމަަށްވެސް ވަނީ އަންގާފައެވެ.

ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލިޖިސްޓް ނިންމުމުން ހަށިގަނޑު މިހާރު ވަނީ ވަޅުލާފައެވެ.

- ކޮމެންޓް