މޫސުން ތަންދޭނަމަ, މާލޭސިޓީގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ, އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް, މޫސުން ތަންދޭނަމަ މާލޭގައި ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެކަމަށެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވާ ތަންތަނަކީ; މާފަންނު ސްޓޭޑިއަމް، އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު، މަސްޖިދުލް މަލިކް ސަލްމާން (މިސްކިތާއި މާބްލް ސަރަހައްދު)، ހުޅުމާލެ ފޭސް 1- ހުޅުމާލެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2- ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަހައްދު) އަދި ވިލިމާލެ- ފުޓްބޯޅަ ދަނޑެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމިނަމަވެސް، މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް އީދު ނަމާދު ކުރާނެކަމަށެވެ.
އީދު ނަމާދަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންތައްތަކާ ބެހޭގޮތުން މިނިސްޓްރީން ބުނީ، ކޮންމެ މީހަކު ވެސް ގެއިން ވުޟޫކޮށްގެން އައުމަށް އެދޭ ކަމަށެވެ. އޭގެ އިތުރުން އަމިއްލަ މުސައްލައާއި އަމިއްލަ ފެންފުޅިއެއްގެ އިތުރުން، ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މުސްލިމުން ފިތުރު އީދު ފާހަގަކުރަނީ އެންމެހައި މުސްލިމުންގެ މައްޗަށް މާތްﷲ ފަރުޟުކުރެއްވި ރޯދަ ރަމަޟާންމަހުގައި ހިފައި ނިމުމަށްފަހު އެކަމުގެ އުފަލުގައެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މިއަންނަ ހުކުރު ދުވަހެވެ.
ރާއްޖޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. އީދު ނަމާދު ހުޅުވިފައިވާ ސަރަހައްދެއްގައި ބޮޑު ޖަމާއަތެއްގައި ކުރުމަކީ ސުންނަތެކެވެ.