ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 17:07
އާމިލާ
އާމިލާ
ރާއްޖެ އެމްވީ
އާމިލާ - ހުނަރުވެރި އުންމީދީ މަންމައެއް
އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
 
އާމިލާގެ ޝައުގުވެރިކަން ހުށަހެޅުމާއި، މަދަހަކިޔުމަށް
 
އާމިލާ އަކީ ރަންތާޖު ޤުރުއާން މުބާރާތުގެ 10 ވަނަ ބައިވެރިޔާ

މ.މުލަކަށް އުފަން އުމުރުން 24 އަހަރުގެ އާމިލާ މުހައްމަދުގެ ހުނަރުވެރިކަމުގެ ވަނަވަރު ފަށާ ހިތް ވަނީ "ރަންތާޖު" ޤުރުއާން މުބާރާތާއި ހިސާބުންނެވެ. ރާއްޖެޓީވީން މިހާރު ބެލުންތެރިންނާާއި ހިސާބަށް ގެނެސްދޭ މި ޤުރުއާން މުބާރާތުގެ ފަޚުރުވެރި 10 ވަނަ ޙާސިލްކުރި އާމިލާ، މި މުބާރާތާއި އަލްވަދާއުކީ ފޮނި ހަނދާންތަކަކަށް ފަހުގައެވެ. އެ ތަޖުރިބާ އާމިލާގެ ދުލުހުން ފާހަގަކުރަނީ އުފާވެރި ހަނދާންތަކެއްގެ ގޮތުގައެވެ. އާ އެތައް ކަމެއް ދަސްވުމުގެ އިތުރުން، މުބާރާތުގައި އުޅުނު ބައިވެރިން މަތިން އާމިލާ ހަނދާން ކުރަނީ، އެ އެކުވެރިންނާއި ހީކުރި ވަރަށް ވުރެ އަވަހަށް ވަކިވާން ޖެހުމުގެ ދެރަ އާއި އެކުގައެވެ. މުބާރާތުގައި އާމިލާގެ ދަތުރު ކުރުކޮށްލަން ޖެހުނު ނަމަވެސް މިއީ އާމިލާގެ ގުރުއާން ކިޔެވުމުގެ ދަތުރުގެ ހަގީގީ ފެށުމެވެ. އޭނާ ހުރީ އަދިވެސް މި ދާއިރާ އިން ކުރިއަށް ގޮސް އާ ހަރުފަތަކަށް ދިއުމުގެ އަޒުމުގައެވެ. އާމިލާގެ ވާހަކަތަކުން އެނގޭ ގޮތުން އެ އަޒުމް ހާސިލްކުރުމުގައި ރަންތާޖު ޤުރުއާން މުބާރާތް ވެގެންދާނީ ރަނގަޅު ބިންގަލަކަށެވެ. ކަންދިމާކުރި ގޮތުން އާމިލާ އަށް އޭނާ ހިތްހަމަޖެހޭ ވަރަށް މުބާރާތަށް ތައްޔާރުވުމުގެ ފުރުސަތެއް ނުލިބުނެވެ.

އާމިލާ އާއި ރަންތާޖުގެ އެހެން ބައެއް ބައިވެރިން - ރާއްޖެ އެމްވީ
އަސްލު ބޭނުންވާ ވަރަށް ތައްޔާރެއް ނުވެވޭ. ވަރަށް ގިނަ މީހުން ބުނި، ދަންނަ މީހުން ބައިވެރިވާށޭ. އެ ރިކުއެސްޓާއި އެއްކޮށް ބައިވެރިވީ. ވަރަށް ކުޑަ ވަގުތުކޮޅެއް ލިބުނީ. މުބާރާތުން ވަކި ވިޔަސް އަދި މި ދާއިރާއިން ކުރިއަށްދާން ބޭނުން. ވަރަށް ގިނަ ބައެއްގެ އެއްްބާރުލުމާއި އެކު މި ހިސާބަށް އާދެވުނީ. ފިރިމީހާ އާއި އާއިލާ ، ފިރިމީހާގެ އާއިލާ ވެސް. ވަރަށް ގިނަ ކަންކަން ދަސްވި ރަންތާޖު ޤުރުއާން މުބާރާތުގެ ތެރެއިން. ވަރަށް މަޖާ ދުވަސްކޮޅެއް އެންމެންނާއި އެއްކޮށް ހޭދަކޮށްލެވުނީ.
އާމިލާ

ރަންތާޖު ޤުރުއާން މުބާރާތުގެ ބެލުންތެރިންނަށް އެނގޭނެ ފަދައިން އޭނާ އަކީ ހިތްގައިމު އަޑެއްގެ ވެރިއެކެވެ. އާމިލާގެ ކިޔެވުން އަޑު އަހާލަން އެހާމެ ފަސޭހައެވެ. ކިޔެވުމުގެ ރާގު ޗާލެވެ. ތަޖުވީދާއި ރާގަށް ޤުރުއާން ކިޔެވުމަށް އާމިލާގެ ކިބައިގައި ހުރި ޝައުގުވެރިކަން އޭނާގެ ރަންތާޖުގެ ކިޔެވުންތަކަށް ބަލާލުމުން އެނގެއެވެ. ޤުރުއާން ކިޔެވުމުގެ އިތުރުން އާމިލާ އަކީ ޤުރުއާން މުދައްރިސެކެވެ. މުރާލި އެދުރެކެވެ. އެހެން މި ދަންނަވަން ޖެހެނީ 3 އަހަރުގެ ޅަ ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން، ދަރިވަރުންނަށް އުނގަންނައި ދެމުން، ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި އޭނާ ގެންގުޅޭ ރޭވުންތެރިކަމުގެ ސަބަބުންނެވެ. އާމިލާގެ ދުވަހުގެ ތާވަލް ރޭވިފައި އޮންނަ ގޮތުން ކޮންމެ ދުވަހަކު ސްކޫލަށް ދަރިފުޅު ލާފައި ދެން ދަނީ ކުދިންނަށް ގުރުއާން އުނގަންނައި ދިނުމަށެވެ. އަދި މެންދުރު ފަހުން ފެށިގެން ރޭގަނޑުގެ 10އެއްޖެހުމާއި ހަމައަށް އެކި ވަގުތުތައް އޭނާ ހުސްކުރަނީ ދަރިވަރުންނަށް އުނގަންނައި ދިނުމަށެވެ.

އެހެންކަމުން ޤުރުއާން އުނގަންނައިދިނުމަށް އޭނާގެ ކިބައިގައި ހުރި ޝައުގުވެރިކަން ވަރަށް ސާފެވެ. ޝަރީއާ އިން ލޯގެ ދާއިރާ އިން ފައުންޑޭޝަން ފުރިހަމަކުރުމަށް ފަހު، އާމިލާ އިތުރަށް ތައުލީމް ހާސިލް ކުރީ ވެސް ގުރުއާން އުނގަންނައިދިނުމުގެ ދާއިރާއިންނެވެ. ޑިގްރީގެ ފުރަތަމަ 3 އަހަރު ކިޔެވުމަށް ފަހު އަލަތު ދަރިފުޅު ލިބުމާއި އެކު އެނާ އަށް އެވަގުތު ކިޔެވުން މަޑުޖައްސާލަން ޖެހުނު ނަމަވެސް، ޑިގްރީ މަރުހަލާ ފުރިހަމަ ކުރުން އެއީ އާމިލާ ކުރަން ހުރި ކަންކަމުގެ ލިސްޓުގައި އޮތް ކަމެކެވެ.

ދަރިފުޅު ތަންކޮޅެއް ބޮޑު ވީމަ އަދި ކިޔަވަން ބޭނުން. އެއީ ވަރަށް ބޮޑު އުންމިދެއް އަދި އަޅުގަނޑުގެ.
އާމިލާ

ދެން މިއޮތީ އާމިލާގެ ތަފާތު ވާހަކައެކެވެ. އާމިލާ އަކީ ސްކޫލް ދައުރުން ފެށިގެން އަދަބީ ކަންކަމާއި މަދަހަ ކިޔުމަށް ޚާއްސަ ލޯތްބެއް ހިތުގައި އޮތް ދަރިވަރެކެވެ. ސްކޫލް ދައުރުގައި އަދަބީ ހަރަކާތްތަކާއި މަދަހަ މުބާރާތްތަކުން އާމިލާ ވަނީ ވަނަތައް ވެސް ހާސިލްކޮށްފައެވެ. މިހާރު ވެސް އާމިލާ އެކަމަކަށް އެންމެ ބޮޑަށް ޝައުގުވެރިވާ އެއްކަމަކީ މަދަހަ ކިޔުމެވެ. އާމިލާ ވަނީ އޭނާ ކޮލެޖްގައި ތައުލީމް ހާސިލްކުރި އިރު ކޮލެޖްގައި ބޭއްވި މުބާރާތަކުން އަންހެންކުދިންގެ ބައިން 3 ވަނަ ހާސިލްކޮށްފައެވެ. އަދި މިހާރު މަދަހަ ކިޔަން ފުރުސަތެއް ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން ހުށަހެޅުމުގެ ދާއިރާ އަށް ވެސް އާމިލާގެ ޝައުގުވެރިކަން އެބަހުއްޓެވެ. އޭނާ ވަނީ ސްކޫލް އަދި ކޮލެޖުގައި ޖަލްސާތަކާއި ހަފްލާތައް ހުށަހަޅާދީފައެވެ. އަދި ފުރުސަތެއް ލިބިއްޖެ ނަމަ އޭނާގެ އެ ހުނަރުގެ އަޖުމަ ބަލާލަން އާމިލާ ހުރީ ތައްޔާރަށެެވެ. އިންތިޒާރުކުރަނީ ރަނގަޅު ފުރުސަތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
19%
33%
4%
33%
0%
11%
ކޮމެންޓް
ގުޅުންހުރި
ރަންތާޖު ޤުރުއާން މުބާރާތަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ މުބާރާތެއް - އަލްގާރީ މުހްމަދު ތައުފީގް އަލީ
ރަންތާޖު ޤުރުއާން މުބާރާތަށް ތައްޔާރުވާން ސާއީގެ ހުރިހާ ވަގުތެއް ހުސްކުރި، ބައެއް ރޭރޭ 3 ޖަހަންދެން ގުރުއާން ކިޔަވާ
ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
"ރަންތާޖު ޤުރުއާން މުބާރާތުން ލިބުނު އެންމެ ބޮޑު އުފަލަކީ ދުނިޔޭގެ ފެންވަރުގެ ފަންނީ ހުނަރު ދިވެހިންގެ ކިބައިގައި ހުރިކަން ޔަޤީންކުރެވުން"
"ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރާނެ ދަރިވަރުން އުފެއްދޭނެ ނިޒާމެއް ރާއްޖޭގައި އަދި ނެތް"
ޤާރީންނާއި ޙާފިޡުންނަށް އިތުރު ތަމްރީނު ދީގެން ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ރައީސް ގޮވާލައްވައިފި
ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އެއް މުބާރާތް: ރައީސް
''ރަންތާޖު ޤުރުއާން'' މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީއަށް