ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 19:12
ދަހްލާން މުހައްމަދު ރިޒާ
ދަހްލާން މުހައްމަދު ރިޒާ
ރާއްޖެއެމްވީ
ރަން ތާޖު ޤުރުއާން މުބާރާތް
ދަހްލާން - މި ޒުވާނާގެ މުޅި ހިތާއި އަޒުމް އޮތީ "ހަލާލު ޖެނެރޭޝަނެއް" ބިނާކުރުމުގައި!
 
ދަހްލާން ހުރީ ދިވެހި ޒުވާނުންނަށް މިސާލަކަށްވެ، ޒުވާނުން ދީނާ ގާތަށް ގެންދިއުމުގެ އުންމީދުގައި
އާޚިރަތް ދުވަސް އީކުއޭޝަންއަށް އަންނަ ހިސާބުން ބިރުގަނޭ. އެހެންނޫނީ ދާނީ އިންޓަރނަލް ކޮންފްލިކްޓަކަށް. މިއި ހަރާމް ކަމެއްތޯ ސުވާލު އުފެދޭ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން. ކޮންމެ ކަމެއްވެސް ކުރަން ބޭނުމީ އާޚިރަތާމެދު ވިސްނާފަ. އެއީ އައިޑިއަލް އައިޑިއާއަކީ.
ދަހްލާން

މިއީ ށ. ފުނަދޫއަށް އުފަން, ދަހްލާން މުހައްމަދު ރިޒާ އޭނާގެ ޝައުގުވެރިކަން ހުންނަ ވާހަކަ ދައްކަމުން ބުނެދިން ވާހަކަތަކެކެވެ. ހަމައެކަނި މި ވާހަކައަށް ބަލައިލުމުންވެސް އޭނާގެ ވިސްނުން ހުރި މިސްރާބު ސާފެވެ. ޝައުގުވެރިކަން ހުންނަ ކަންކަމާއި، އަމަލުތައް ބިނާކުރުމާއި، ވަގުތު ހޭދަކުރުމާއި، ރަހުމަތްތެރިން އިޚުތިޔާރުކުރުމުގައި ވެސް ދަހްލާންގެ ފުރަތަމަ ވިސްނުމަކީ "އާޚިރަތެވެ". އޭނާ ބުނާގޮތުން، އޭނާގެ ވިސްނުމާއި ޚިޔާލު ބައްޓަންކުރަން ބޭނުމީ ދުނިޔަވީ ކަންކަމަށް ދީލައިލުމަށްވުރެ ބޮޑަށް އުޚުރަވީ ހަޔާތަށް، އަދި ދުނިޔޭގައި އެހެން ބަޔަކަށް ފައިދާވާނެ ބީދައަކުންނެވެ. ދަހްލާންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ބައްޓަންކޮށްފައިވަނީ މި މަގަށް ވިސްނައިގެންނެވެ.

އޭނާއާ އެންމެ ގާތުގައިވާ ރަހުމަތްތެރިން މިސާލަކަށް ބަލައިލަމާހެއްޔެވެ. ދަހްލާނާ އެއްކޮށް އުޅޭ އެއްވެސް މީހަކު 10އެއްގެ ފަހުން އެކަކު އަނެކަކަށް ގުޅައެއް ނުހަދައެވެ. ދަހްލާން ބުނާގޮތުން އެއީ މުޅިން "މަނާ"ކަމެކެވެ. އޭނާގެ ރަހުމަތްތެރިންގެ ތެރޭގައި ތިބީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އުންމީދީ ޒުވާނުންނެވެ. މި ޒުވާން އެކުވެރިންނަކީ އެކަކު އަނެކަކު ދީނީ ކަންކަމަށް ބޯލަނބަން ބާރުއަޅާ، އެކަކު އަނެކަކަށް ހަރުދަނާ ދިރިއުޅުމެއް އުޅެން މަގުފަހިކޮށްދޭ ބަޔަކަށް ވުމަކީ ދަހްލާނަށް ލިބޭ އުފަލެވެ. އެކުވެރިން އެކުގައި ކޮފީއަކަށް ދިޔަޔަސް ގިނަ ފަހަރަށް ދަނީ ލެޕްޓޮޕް ހިފައިގެންނެވެ،. ބޭނުމަކަށް ވަނީ އެކުގައި ހޭދަކޮށްލާ ވަގުތުވެސް ބޭނުންތެރި މަސައްކަތެއް ކޮށްލުމެވެ. އެ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. އެކުގައި އުޅެނިކޮށް ބަންގި ގޮވައިފިނަމަ ނަމާދަށް ހިނގައިގަންނަނީ ދެން ހުރި އެކުވެރިޔާވެސް އޭނާގެ ފިޔަވަޅު ބަލަމުން ނަމާދަށް އެކުގައި ދާނެކަމުގެ ޔަގީންކަމާއި އެކުގައެވެ. އެހެންކަމުން ދަހްލާނަށް ލިބިފައި ތިބީ ހެޔޮލަފާ އެކުވެރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއީ ދަހްލާނާ އެންމެ ގާތުގައި އުޅޭ، ގާތްގަނޑަކަށް 7 އެކުވެރިންގެ ވާހަކައެވެ.

ދަހްލާން އޭނާގެ ދުވަހުގެ ތާވަލްވެސް ރާވަނީ އަޅުކަމާ ދުރުނުވާނެ ގޮތަކަށް ވިސްނައިގެންނެވެ. އޭނާ ބުނާގޮތުގައި އޭނާ މަސައްކަތްކުރަނީ، ފަތިހު 4 ޖަހާއިރު ދުވަސް ފެށުމަށެވެ. ފަތިސް ނަމާދުގެ ކުރިންނާއި ފަހުންވެެސް ޤުރުއާން ކިޔަވަން ވަގުތު ހުސްކުރަން ދަހްލާން ބޭނުންވެއެވެ. އަދި ގިނަ ދުވަސްދުވަހު އޭނާގެ ތާވަލް ކުރިއަށްދަނީވެސް މި މޭރުމުންނެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ ފަސް ވަނަ ޝޯވ - ރާއްޖެއެމްވީ

އުމުރުން އެންމެ 22 އަހަރުގެ ދަހްލާނަކީ، ރާއްޖެޓީވީން ގެނެސްދޭ "ރަންތާޖު" ޤުރުއާން މުބާރާތުގެ ހަވަނަ ބުރާ ހަމައަށް ދަތުރުކުރި ހުނަރުވެރި ބައިވެރިއެކެވެ. ރާާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތުން ވިދާލި މި ބައިވެރިޔާއަށް، މުބާރާތުގައި ބައިވެރިވުމަށް މަގު ދައްކައިދިނީ އޭނާގެ މަންމައެވެ. ދަހްލާންގެ މަންމައަށް ރަންތާޖު ޤުރުއާން މުބާރާތުގެ ވާހަކަ އެނގިގެން އެ މުބާރާތުގައި ބައިވެރިވާން އޭނާގެ މަންމަ ވަނީ ހިތްވަރުދީފައެވެ.

ރަންތާޖު މުބާރާތަކީ، ޤުރުއާނާއެކު ދުވަސްތައް ހޭދަކުރަން ފުރުސަތު ލިބުނު، ރޫހާނީގޮތުން އުފާވެރިކަން ގެނެސްދިން ދުވަސްތަކެއް ކަމަށް ދަހްލާން ވަނީ ބުނެފައެވެ. ވާދަވެރި މާހައުލެއް ބިނާވެފައި އޮތްނަމަވެސް، އެ މާހައުލަކީ އެކަކު އަނެކަކަށް މަދަދުވެރި އެކުވެރި މާހައުލަކަށް ވުމަކީ މި މުބާރާތުގެ ތަޖުރިބާ ދަހްލާނަށް އެހާ ތަފާތުވެގެން ދިޔަ ސަބަބެވެ. މިއީ ޤުރުއާނުގެ ދާއިރާއިން އޭނާއަށް ނޭނގޭ އެތައް ކަމެއް ދަސްވި، ބޭނުންތެރި ތަޖުރިބާއެއް ކަމަށް އޭނާ ގަބޫލުކުރެއެެވެ.

ރަންތާޖު ޤުރުއާން މުބާރާތެކޭ އެއްފަދައިން ދަހްލާންގެ ޤުރުއާން ކިޔެވުމުގެ ތަޖުރިބާ ހަރުދަނާކޮށް ފޮނިކޮށްދިނުމުގެ މުގުލުގައި ހުރި މީހަކީވެސް އޭނާގެ ލޯބިވާ މަންމައެވެ. އެއީ ދަހްލާންގެ ފުރަތަމަ ޤުރުއާން މުދައްރިސްވެސް މެއެވެ. ދަހްލާންގެ ހިތުގައި ބިންވަޅު ނެގިފައިވާ ޤުރުއާނުގެ ލޯބި އެހާ ފުންވުމުގެ ސަބަބަކީވެސް އޭނާގެ މަންމަ އޭނާއަށް ކުޑައިރު ކޮށްދިން މަސައްކަތްކަމަށް އޭނާ ގަބޫލުކުރެއެވެ. ޤުރުއާން މުބާރާތްތަކުގައި ހިފްޒުކުރުމުގެ ބައިގައި ބައިވެރިވި ހިސާބުން ފެށިނަމަވެސް، ފަހުން ބަލައިގެން ކިޔެވުމުގައި ބައިގައި މުބާރާތްތަކުގައި ބައިވެރިވާން ފެށިއެވެ. ދަހްލާންގެ އުންމީދަކީ ވީހާވެސް އަވަހަަކަށް ހިފްޒުކޮށް ނިންމައި "އަލްހާފިޒް"ގެ ނަމުން އޭނާއާ މުޚާތަބުކުރާނެ ދުވަހެއް ފެނުމެވެ. މިއަދު ދަހްލާނަކީ ޤުރުއާން ކިޔެވުމަށް ފަރިތަ، މޮޅު މީހަކަށް ވީނަމަވެސް، ޤުރުއާން މުބާރާތްތަކުގައި ދަހްލާންގެ ދަތުރު ފެށީ މުޅިން ތަފާތުކޮށެވެ. އޭނާ ބުނާގޮތުން އޭނާގެ ޤުރުއާން ކިޔެވުމުގައި ރަމްޒީ ސަރއާއި އަސްލަމް ސަރގެ ދައުރު ބޮޑެވެ.

ހިފްޒު ދޫކޮށްލުން އެއީ އެންމެ ބޮޑު ރިގްރެޓް. ދެން ޤުރުއާން މުބާރާތުގަ ކުޑައިރު އުޅެފަ، ރީއްޗަށް ކިޔަވާ ކުދިން ނެތީމަ ރީތިކޮށް ކިޔަވާ ކުދިންނާ ވާދަކުރަން ބޭނުންވެގެން ހިިފްޒު ބައި ދޫކޮށްލީ. ޤުރުއާން މުބާރާތުގަ ބައިވެރިވާން ނުހޮވުނު ކުޑައިރު. އެއްބަނޑު އެއްބަފާ އެހެން ހުރިހާ ކުދިން ހޮވުނު. އެ ހިސާބުން ވަރަށް ދެރަވި. އެ ހިސާބުން އަމިއްލައަށް މަސައްކަތްކުރަން ފެށީ. ކުރީގަ މަންމަ ބުނެގެން. މަޑުމަޑުން ކުރިއަރަމުން ގޮސް ގްރޭޑް އަށަކާ ހަމައިން ރަށުން 1 ވަނަ ލިބެން ފެށީ. އަތޮޅު މުބާރާތާ އުމުރުފުރާއިންވެސް ވަނަ ލިބުނު.
ދަހްލާން
ދަހްލާން ކުޑައިރުގެ ބައެއް ފޮޓޯތައް - ރާއްޖެއެމްވީ

ދަހްލާނަކީ މިހާރު ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ޤުރުއާން އުނގަންނައިދިނުމެވެ. އަދި މި ދާއިރާއާ ދުރަށް ދިއުމުގެ ވިސްނުމެއްވެސް އޭނާގެ ނެތެވެ. އަދި ދަހްލާންގެ އުންމީދަކީ "ހަލާލް ޖެނެރޭޝަން" އެއް ނުވަތަ ހަލާލު ޖީލެއް ބިނާކޮށްދިނުމެވެ. އޭނާ ބޭނުންވަނީ ޒުވާނުންނަށް ކަމުދާނެ ފަދަ ކޮންޓެންޓް ހިމެނޭ ޕްލެޓްފޯމެއް އެކުލަވާލައި، ޒުވާނުން ދީނާ ގާތްކޮށްދިނުމެވެ. ދަހްލާނާއި އޭނާގެ އެކުވެރިން ހިމެނޭހެން ކުރި މަސައްކަތުން ވަނީ "ތައުބާ"ގެ ނަމުގައި މަދަހަ އަލްބަމެއް ނެރެފައެވެ.

ދަހްލާން އޭނާގެ އާއިލާއާއި ބައެއް ރައްޓެހިންނާއެކު - ރާއްޖެއެމްވީ

ދަހްލާންގެ އުންމީދަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ޒުވާނުންނަށް ކަމުދާނެ "ހަލާލް" އުފެއްދުންތަކެއް ގެނެސްދިނުމެވެ. އަދި މުނިފޫހިފިލުވުމަށް ހަރާމް ކޮންޓެންޓާ ދިމާއަށް ދާން ނުޖެހޭކަން ސާބިތުކޮށްދިނުމެވެ. އޭނާ އެދެނީ ޒުވާނުންނަށް މަގު ދައްކައިދިނުމުގައި ނަމޫނާއަކަށްވެ، ތަފާތު ދައްކައިދިނުމެވެ. އަދި ދީނީ މައުލޫމާތު ޝައުގުވެރިގޮތަކަށް ގެނެސްދިނުމެވެ. އޭނާ ބޭނުމީ "ހަލާލް ސައިޑް އޮފް ލައިފް" ދިވެހި ޒުވާނުންނަށް ގެނެސްދިނުމެވެ. ބޭކާރު ވަގުތު ހޭދަކުރުމާއި، ހަށިގަނޑަށް ގެއްލުންލިބޭ ކަންކަން ކުރުމާއި، އެހެން ދީންތަކުގެ ސަގާފަތްތަކާއި، ނުރަނގަޅު އާދަކާދައިން ޒުވާނުން ދުރުކުރުމަކީ އޭނާގެ އުންމީދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
4%
39%
2%
8%
0%
47%
ކޮމެންޓް
23 އޭޕްރިލް 2023 | އާދީއްތަ 21:56
ސާބަސްދޭ މީހާ
ވަރަށް އުފާވެއްޖެ. އެދެނީ ތިޔަ އަޒުމުގައި ކުރިއަށްދިއުން. މިރާއްޖެއަށް ބޭނުންވަނީ ނުކުރޭ، ނުހަދާ، ނުވާނެ ކިޔުމުގެ ބަދަލުގައި މިކަންކޮށްލާ، މީތި ތިއަށްވުރެ ރަނގަޅުވާނެ، މިމަގު އިޙްތިޔާރުކުރޭ މިފަދަ ގޮތަކަށް މަގުބައްޓަންކޮށްދޭނެ ޖީލެއް.
23 އޭޕްރިލް 2023 | އާދީއްތަ 19:51
ފުނަދޫ މީހާ
ދަޙްލާން އަކީ މުޅި ފުނަދޫ ފަޚްރުވެރިވާ ކުއްޖެއް. މި ފަދަ ލިޔުމަކުން އަދި ހުރިހާ ވާހަކައެއް ނުދެއްކޭނެ. ވަރަށް ތުއްތު އިރު ފުނަދޫގެ މިސްކިތްތަކުން ދަޙްލާން ގެ ބަންގީގެ އަޑުން ގުގުމާލި. ދޮށީ ޢުމުރު މީހުންގެވެސް ފެވްރިޓް ޒުވާނަކީ ވެސް ދަޙްލާން. ހިނިތުންވެލާ ކޮންމެ މީހަކާވެސް މުހާތަބު ކުރާނެ.
ގުޅުންހުރި
ރަންތާޖު ޤުރުއާން މުބާރާތަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ މުބާރާތެއް - އަލްގާރީ މުހްމަދު ތައުފީގް އަލީ
ރަންތާޖު ޤުރުއާން މުބާރާތަށް ތައްޔާރުވާން ސާއީގެ ހުރިހާ ވަގުތެއް ހުސްކުރި، ބައެއް ރޭރޭ 3 ޖަހަންދެން ގުރުއާން ކިޔަވާ
ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
"ރަންތާޖު ޤުރުއާން މުބާރާތުން ލިބުނު އެންމެ ބޮޑު އުފަލަކީ ދުނިޔޭގެ ފެންވަރުގެ ފަންނީ ހުނަރު ދިވެހިންގެ ކިބައިގައި ހުރިކަން ޔަޤީންކުރެވުން"
"ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރާނެ ދަރިވަރުން އުފެއްދޭނެ ނިޒާމެއް ރާއްޖޭގައި އަދި ނެތް"
ޤާރީންނާއި ޙާފިޡުންނަށް އިތުރު ތަމްރީނު ދީގެން ބައިނަލްއަޤުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ރައީސް ގޮވާލައްވައިފި
ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު އެއް މުބާރާތް: ރައީސް
''ރަންތާޖު ޤުރުއާން'' މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީއަށް