ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 17:01
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ސަން
ވެއްޔާއި އަކިރި ނަގާ މައްސަލަ
އައްޑޫސިޓީން ގަވާއިދާ ޚިލާފަށް ވެއްޔާއި އަކިރި ނަގާނަމަ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދީފި
 
މިކަން ހުއްޓުމުވުމަށް ހުޅުމީދޫ ޕޮލިސް އާއި މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރުން ހަރަކާތްތެރިވަމުންދާނެ
 
މީދޫ އަކީ ރަށްގިރުމުގެ މައްސަލަ ބޮޑު ރަށެއް، ނަމަވެސް ވެއްޔާއި އަކިރި ނަގަމުންދާކަން ފާހަގަކުރެވޭ
 
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ރަށް ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއް

އައްޑޫސިޓީން ގަވާއިދާ ހިލާފަށް ވެއްޔާއި އަކިރި ނަގާނަމަ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ކައުންސިލުން ދީފިއެވެ.

ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ދަށުން، ވެއްޔާއި އަކިރި ނެގުމަށް އާންމުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނަކުން ވެއްޔާއި އަކިރި ނެގުމަކީ މަނާކަމެއް ކަމަށެވެ.

ކައުންސިލުން ބުނީ ރާއްޖޭގެ ގުދުރަތީ ވެއްޓާއި، ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާއަށް ރައްކައުތެރިކޮށް ދެމެހެއްޓުމާއި، ރަށްގިރުމާއި ރަށުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ރަށް ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މީދޫ އަކީ މިހާރުވެސް ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ގޮޑުދޮށް ހިމާޔަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޖައިކާ ގުޅިގެން ސާރވޭތަކެއް ކުރައްވަމުން އަންނަ ރަށެއް ކަަމަށެވެ. ނަމަވެސް، އިމާރާތް ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މީދޫގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ވެއްޔާއި އަކިރި ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިކަން ހުއްޓުމުވުމަށް ހުޅުމީދޫ ޕޮލިސް އާއި މީދޫ އަވަށު އޮފީހުގެ މުނިސިޕަލް އިންސްޕެކްޓަރުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެއްވެސް މީހަކު ގޮނޑުދޮށުން ވެލިނަގާތަން ފެނިއްޖެނަމަ ނުވަތަ ވެލިނަގައި ވިއްކާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ 7789041 ނުވަތަ ހުޅުމީދޫ ޕޮލިސް ސަރވިސްގެ ނަންބަރު 9791366 އަށް ވަގުތުން ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.

އެއްވެސް މީހަކު ގަވާއިދާ ޚިލާފަށް ގޮޑުދޮށުން ވެލި ނުނެގުމަށާއި، ގަވާއިދާ ޚިލާފަށް ނަގާވެލި ނުގަތުމަށް އިލްތިމާސްކޮށް ކައުންސިލުން ބުނީ ގަވާއިދާ ޚިލާފަށް ވެލި ނަގާ މީހުންނާއި ވެލި ގަންނަ މީހުންނާއިމެދު 16 އޭޕްރީލް 2023ން ފެށިގެން، ތިމާވެށި ޙިމާޔަތް ކުރުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް