އުނާއި އެމެރީގެ އިރުޝާދުގެ ދަށުން މިފަހުން މޮޅު ކުޅުމެއް ދައްކަމުން އައި އެސްޓަން ވިލާ އިން ނިއުކާސަލް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފި އެވެ.
ހޮނިހިރު ދުވަހު އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ ޖޭކަބް ރަމްސީ އެވެ. އެއީ އޮލީ ވަޓްކިންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރަމްސީ ޖެހި ލަނޑެކެވެ. އެސްޓަން ވިލާގެ އަނެއް ދެ ލަނޑު ވެސް ފެނުނީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ އެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން ވަޓްކިންސް އެވެ. އެއީ މެޗުގެ 64 ވަނަ މިނެޓުގައި އަލްބާޓޯ މޮރޭނޯ ތަނަވަސްކޮށްދިން ފުރުސަތާއި، 83 ވަނަ މިނެޓުގައި ރަމްސީ ތަނަވަސްކޮށްދިން ފުރުސަތުން އޭނާ ޖެހި ދެ ލަނޑެވެ.
މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު އެސްޓަން ވިލާ އޮތީ ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ އެ ޓީމު ކުޅުނު 31 މެޗުން 50 ޕޮއިންޓާއެކު އެވެ. ފަސް ވަނައިގައި އޮތީ ޓޮޓެންހަމް އެވެ. އެއީ ކުޅުނު 31 މެޗުން 53 ޕޮއިންޓާއެކު އެވެ. މިއީ 2022 ވަނަ އަހަތު އެސްޓަން ވިލާގެ ކޯޗު ކަމާ ހަވާލުވި އެމެރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 20 ވަނަ މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 12 މެޗުން މޮޅުވެ، ހަ މެޗުން ބަލިވެފަ އެވެ. ދެ މެޗެއް ވަނީ އެއްވަރުވެފަ އެވެ.