އެތައް އަހަރެއް ވެ ދިޔަ އިރުވެސް އެ ބަލިމަޑުކަމަކުން އަރައިގަނެވިފައި ނުވާ އެންމެ ނުރައްކާތެރި އެއް ބަލިމަޑުކަމަކީ، މަސްތުވާތަކެތީގެ ވަބާއޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެންމެ ފަޤީރު ޤައުމުތައް އެކަންޏެއް ނޫނެވެ. ވިޔަފާރިއާއި ޓެކްނޮލޮޖީގެ ރޮނގުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ހާލަކީވެސް ހަމަ އެއީއެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުން ޖާގަ ހޯދާ ދެކުނު ކޮރެއާގައިވެސް އެކަން އޮތީ ހަމަ އެހެންނެވެ.
ލީ ޑޮންގް-ޖައިއަކީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ، ދެކުނު ކޮރެއާގެ ޒުވާނެކެވެ. ނަމަވެސް ލީ މިހާރު ވަނީ މަސްތުގެ ދުނިޔެއިން ނުކުތުމަށް އަމާޒު ހިފާފައެވެ. އޭނާ ދަނީ އެ ދަތުރުގެ މަންޒަރުތައް ރެކޯޑްކޮށް، މުޅި ދުނިޔެއާ ހިއްސާ ކުރަމުންނެވެ. މަސްތުގެ ދުނިޔެއިން ނުކުމެ، އާންމު ދުނިޔޭގެ ދިރިއުޅުމަށް އަލުން އަހުލުވެރިވުމަށް އޭނާ ކުރާ ދަތުރުމަތީގައި ކުރެވޭ އިޙުސާސްތަކާއި، އުފުލަން ޖެހޭ ތަކުލީފުތައް ވީޑިއޯގެ ޒަރިއްޔާއިން އޭނާ ހިއްސާ ކުރަމުން ދަނީ، ޔޫޓިއުބް މެދުވެރިކޮށެވެ.
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް މަސައްކަތް ކުރާ ގިނަ މީހުންނާ ޚިލާފަށް، ލީގެ ވީޑިއޯތަކުގައި އޭނާގެ މޫނުވެސް ފެނެއެވެ. އޭނާ އެކަން ކުރަމުންދަނީ އެ އެއްޗަކަށް އޭނާ ދެވި ހިފާފައިވާ މެތަމްފެޓެމިން ނުވަތަ މެތުގެ ވަބާއިން ސަލާމަތްވުމަށް އެހީއެއްގެ ގޮތުންނެވެ. އެކަން އޭނާ ކާމިޔާބުވެސް ކުރިއެވެ.
ލީގެ ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދީފައި ވަނީ ޕްރައިވެޓް އުސޫލުން ހިންގާ ޑްރަގް އެޑިކްޝަން ރީހެބިލިޓޭޝަން ސެންޓަރ (ޑަރކް)އެވެ. އެ މަރުކަޒުން ލީއަށް ކައުންސިލިންގްގެ ޚިދުމަތް ފޯރުކޮށްދިނެވެ. އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ބައެއްގެ ގޮތުގައި، ރެސްޓޯރަންޓަކުން ޕަރޓް-ޓައިމް ވަޒީފާއެއްވެސް ހަމަޖައްސާދިނެވެ.
މަސްތުވާތަކެތި ބޭނުން ކުރަން ފެށިފަހުން މި ކަހަލަ ވަޒީފާއެއްގަ ދުވަހަކުވެސް ނޫޅޭން. އާންމު ދިރިއުޅުމުގެ ކަންކަންވެސް މިގޮތަކަށް ނޯވޭ. އެކަމަކު، އަހަރެންގެ އާންމު ދިރިއުޅުމަށް އަނބުރާ ރުޖޫޢަވެވިދާނެ ކަމުގެ ޢުއްމީދު މިހާރު އެބައޮތް. މަޑުމަޑުން ރަނގަޅުވާ ކަމުގެ އިޙުސާސް ކުރެވޭ. އަހަރެންގެ ދިރިއުޅުންވެސް އެދެވޭ މިޞްރާބަކަށް ދާހެން ހީވޭލީ ޑޮންގް-ޖައި؛ މަސްތުގެ ވަބާއިން ސަލާމަތްވަމުން އަންނަ ޒުވާނެއް
ދެކުނު ކޮރެއާގައި މަސްތުވާތެކެއްޗާ ގުޅުން ހުރި ކުށްތައް ކުރާ ގޮތްވެސް ތަފާތެވެ. އެގޮތުން ދާދި ފަހުންވެސް ހައި ސްކޫލް ދަރިވަރުންތަކަކަށް މެތު އަޅާފައިވާ ބުއިންތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ދަރިވަރުންނަށް އެ ބުއިންތައް ދީފައި ވަނީ ހަނދާން ރަނގަޅުކޮށްދޭ ބުއިންތަކެއްގެ ގޮތުގައެވެ. ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ ރިޕޯޓްކޮށްފިނަމަ، ދަރިވަރުންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއްގެ ގޮތުގައި ފުލުހުން ކަނޑައަޅާނެ ކަމަށް ބުނެ، އެ ޖަރީމާ ހިންގި ފަރާތްތަކުން ވަނީ ދަރިވަރުންގެ ބެލެނިވެރިންނަށް ބިރުވެސްދައްކާފައެވެ.
ކަން މިހެން އޮތް އިރު، މަސްތުވާތަކެއްޗާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރާނެ އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށް، ދެކުނު ކޮރެއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މަސްތުގެ ދުނިޔެއިން ނުކުތުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން ދަނީ އެމީހުންގެ އަމިއްލަ ޚަރަދުގައެވެ. ޢުމުރުން 48 އަހަރުގެ ޗޯއީ ޖިން-މޫކްއަކީ އެފަދަ އެކަކެވެ. މަސްތުގެ ވަބާއިން ސަލާމަތްވުމަށް ޗޯއީ މަސައްކަތް ފެށީ އޭނާގެ ޢުމުރުން އެންމެ 17 އަހަރުގައެވެ. އެ ދަތުރަށް 20 އަހަރު ހޭދަވިއިރު، އެކަން އޭނާ ކުރީ ސަރުކާރުގެ އެއްވެސް އެހީއަކާ ނުލައެވެ.
7 ފަހަރަށް އަހަރެން ޖަލަށް ލި. އެކަމަކު މަސްތުން ސަލާމަތެއް ނުވި. ހުއްޓައެއް ނުލެވުނު. މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލެވެން ފެށީ، ރީހެބިލިޓޭޝަން ފެށި ހިސާބުން. ތެރަޕީ ވަރަށް ކާމިޔާބު. މަސްތުގެ ވަބާއިން ސަލާމަތްވެވިދާނެކަން އެނގުނު އެހިސާބުން. ދުވަހަކުވެސް، ހިތަކަށް ނާރާއިން، މަސްތުން މުޅިން ސަލާމަތްވެވިދާނެއެކޭޗޮއި ޖިން-މޫކް؛ މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ މީހެއް
ޗޯއީ ފާހަގަ ކުރި ގޮތުގައި ދެކުނު ކޮރެއާގެ ނިޒާމު ފަރުމާ ކޮށްފައި ވަނީ ކުށް ކުރާ މީހުންނަށް ޢަދަބުދޭ ފަދަ އުސޫލަކުން ކަމަށާ، ރީހެބިލިޓޭޝަންއަށް ބޭނުންވާ އެއްބާރުލުން ލިބޭނެ އެކަށީގެންވާ ނިޒާމެއް ނެތް ކަމަށެވެ.
މަސްތުގެ ޝިކާރައަކަށްވެފަ ހުންނަ މީހަކަށް ފަރުވާ ދޭން އެންމެ ރަނގަޅު ވަޤުތަކީ އެމީހަކު އަތުލައިގަނެވޭ ފުރަތަމަ ފަހަރު. އެކަމަކު، ސަރުކާރަށް މިއޮތީ އެ ރަނުގެ ފުރުޞަތު ގެއްލިފަ. މީހަކަށް ރަނގަޅު ފަރުވާއެއް ދީ، ބިންގާ އަޅާ ދެވިއްޖިއްޔާ އެކަމުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ. ރީލެޕްސް ރޭޓް ދަށް ކުރެވޭނެ. އެކަމަކު، ސަރުކާރުގެ ފަރުވާލެއް ނެތް މިކަމަކަށްޗޮއި ޖިން-މޫކް؛ މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ މީހެއް
ޗޯއީގެ ވާހަކަ މިފަދަ ގޮތަކަށް ހުރި އިރު، މަސްތުގެ ދުނިޔެއިން މުޅިން ސަލާމަތްވުމަށް ލީ ކުރަމުންދާ ދަތުރުގެ ވާހަކަތަކަކީ، ދެކުނު ކޮރެއާއަށް ފެތުރިފައިވާ މަސްތުގެ ވަބާގެ ކުޑަ މިންވަރެކެވެ. ދެކުނު ކޮރެއާގެ ސުޕްރީމް ޕްރޮސެކިއުޓަރޒް އޮފީހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގެ ޢަދަދު ވަނީ 2021 ވަނަ އަހަރު، 16000 އަށް ވުރެ މައްޗަށް އަރާފައެވެ. 2015 ވަނަ އަހަރު އެ ޢަދަދު އުޅުނީ ގާތްގަނޑަކަށް 12000 ގައެވެ. 2021 ވަނަ އަހަރު، މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތަކަށް އަރައިގަތް މީހުންގެ ގާތްގަނޑަކަށް 60 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ ޢުމުރުން 39 އަހަރާއި އެއަށްވުރެ ހަގު ޢުމުރުފުރާގެ މީހުންނެވެ. އަދި 2020 ވަނަ އަހަރާ އަޅާ ބަލާއިރު، 2021 ވަނަ އަހަރު، މަސްތުގެ ކުށްތަކަށް އަރައިގަތް ފުރާވަރު ޢުމުރުގެ ކުދިންގެ ޢަދަދުވެސް ވަނީ 44 ޕަސެންޓް އިތުރު ވެފައެވެ.