ކ. މާލެ
|
14 އޭޕްރިލް 2023 | ހުކުރު 07:15
މެންބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު
މެންބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު
ރާއްޖެއެމްވީ
ނަޝީދު ގާސިމް އަށް ހުށަހެޅުއްވި ކަންކަން
ނަޝީދު ގާސިމްއަށް ހުށަހެޅުއްވި ކަންކަމާމެދު މަޝްވަރާކުރުމަށް ޖޭޕީގެ ކޮމިޓީ އެއް
ނަޝީދުގެ ފަރާތުން ގިނަ ކަންތައްތައް ހިމަނާ ކަރުދާސްތަކެއް ގާސިމް އަށް ފޮނުއްވާފައިވޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީ އެކަންކަމާމެދު މަޝްވަރާކުރުމަށް ޓަކައި ޖުމްހޫރީ ޕާޓީގެ ތެރޭގައި ވަކި ކޮމިޓީއެއް އުފައްދައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދުމަށް އެމްޑީޕީ ޕްރައިމަރީގައި ކުރެއްވި މަސައްކަތް ނާކާމިޔާބުވުމާއެކު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ ބައެއް މެންބަރުންގެ ފަރާތުން ދަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމާއެކު ބައްދަލުވުންތައް ބާއްވާ މަޝްވަރާކުރަމުންނެވެ. އެގޮތުން ނަޝީދުގެ ޝަރުތުތައް ފާހަގަކޮށް ގިނަ ކަރުދާސްތަކެއް ޤާސިމް އަށް ފޮނުވާފައިވެއެވެ. ނަޝީދުގެ ހުށަހެޅުންތަކާމެދު ޖޭޕީން ގޮތެއް ނިންމާނީ މަޝްވަރާ އަށް ފަހުކަމަށް ޖޭޕީއިން ބުނެއެވެ. އެހެންނަމަވެސް ނަޝީދުގެ ހުށަހެޅުންތަކުގެ ތަފްސީލް ދެ ފަރާތުން ވެސް ހާމައެއް ނުކުރެއެވެ.

ނަޝީދާއި އެކުގައި މަސައްކަތް ކުރައްވާ އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް ބުނީ ނަޝީދުގެ ފަރާތުން ގިނަ ކަންތައްތައް ހިމަނާ ކަރުދާސްތަކެއް ގާސިމް އަށް ފޮނުއްވާފައިވާނެ ކަަމަށެވެ. ދައުރުވަމުންދާ ލިޔުންތަކުގައި މަޖިލީހުގެ ދައުރު ދިގުދަންމަން ހުށަހެޅުމާއި، ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހުން ހުވާކުރުމުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓެއް ނެގުމަށާއި، މަޖިލީހަށް ލިބޭ ބާރުތަކާއި، ރައީސަށް ލިބިދޭ ބާރުތަކުގެ ތަފްސީލްތައް ހިމަނާފައިވެއެވެ. ނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތުދިން އިތުބާރު ހުރި މަސްދަރަކުން ބުނީ އެ ލިޔުންތަކުގައި ހުރި ހުރިހާ މައުލޫމާތެއް ސައްހަ ނޫން ކަމަށެވެ.

މަޖިލީހުގެ ދައުރު ދިގުދަންމާލަން ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އަބަދުވެސް ނަޝީދު ވަކާލާތުކުރައްވަމުން ވަޑައިގެންނެވި ކަމަކަށް ވުމާއެކު އެ ހުށަހެޅުންތައް ހުށަހަޅުއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް
14 އޭޕްރިލް 2023 | ހުކުރު 11:03
މުހައްމަދު
ނަޝީދު މީސްމީހުންނަށް ކަންކަން ހުށަހަޅަނީ ދިވެހިރާއްޖެއަކީ އޭނާގެ ތަރިކަ މުދަލަކަށް ވެގެންތަ!؟ އޭނާ މާމޮޅަށް ވެރިކަމުގެ ނިޒާމު ދަންނަ މީހަކަށްވީ ކޮން ތާކުން ދަސްކޮށްގެން ކަމާއި ވެރިކަން ކުރުމުގެ ތަޖުރިބާހޯދީ ކޮންތާކުންތޯ ވެސް ސުވާލުކުރަން އެބަޖެހޭ.