ތިލަމާލެ ބްރިޖްގެ ޑެކްތަކުގެ މަސައްކަތް ފަށައިފިއެވެ.
އެކަން ހާމަކޮށްފައި ވަނީ ހައުސިން މިނިސްޓްރީން ކުރި ޓްވީޓެއްގައެވެ. އެ މިނިސްޓްރީން ބުނީ މިހާރު ކުރިއަށް ދަނީ ބްރިޖްގެ ޑެކްތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް ކުރަމުން ދަނީ ގުޅީފަޅު ކާސްޓިން ޔާޑުގައިކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލޭގެ އިތުރުން ގުޅީފަޅާއި ތިލަފުށި ވެސް ގުޅުވާލާނެ އެވެ. އެގޮތުން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅުވާލުމުގެ ބައި މިއަހަރުގެ ޑިސެމްބަރު މަހަށް ނިމޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން އެފަދައިން ބުނެފައި މިވަނީ ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްގެ ހިއްސާ އެހެން ކުންފުންޏަކުން ގަންނާތީ ބްރިޖުގެ މަސައްކަތާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތުން، މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެފްކޮންސްއިން ދީފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހު ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި، މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލެވޭނެކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ދެއެވެ.
މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި، ކޯޒްވޭ، އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެ އިތުރުން، ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައްވެސް ހަދާނެއެވެ. އަދި މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.