ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 11:43
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ފޭސްބުކް
އަނަސްގެ މަރު
އަނަސްގެ މަރު: ދެން އޮތީ ޙުކުމް
 
ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވޭ
 
ޝަރީއަތުން މައްސަލަ ދިރާސާކުރާއިރު އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް
 
މިއީ ދެ ގޭންގަކަށް ނިސްބަތްވާ ބަޔަކު ގުޅިގެން ހިންގި ޖަރީމާއެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު އޮތް އަޑުއެހުމަކީ ޚުލާސާ ބަޔާން ހުށައެޅުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އެންމެ ފުރަތަމަ ދައުލަތުން ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ. ޚުލާސާ ބަޔާނުގައި ދައުލަތުން ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާއި، ދައުވާ އުފުލި ސަބަބުގެ އިތުރުން، ކިތާބީ ހެކިތަކާއި ގުޅޭގޮތުން ފާހަގަ ކުރަން ހުރި ކަންކަމަށް އަލިއަޅުވާލާފައެވެ.

މިއީ މާލޭގައި ޙަރަކާތްތެރިވާ ދެ ގޭންގަކަށް ނިސްބަތްވާ ބަޔަކު ގުޅިގެން ހިންގި ޖަރީމާއެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަނަސްއަށް ޙަމަލާދިނީ މ އަސަރީހިޔާ ގެއިން ނުކުމެގެން ލިޓަސް ސަރވިސް ސެންޓަރަށް ގޮސް ކަމަށާއި، އެ ދެމެދުގައި ހިނގާފައިވަނީ 10 މިނެޓުކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ސިމާހު މޫސާ އަދި މުޙައްމަދު ޝާޒުގެ ވަކީލު ވަނީ ޚުލާސާ ބަޔާން އިއްވަވާފައެވެ. އެ ދެމީހުންގެ މައްޗަށް އުުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ވަކީލު ވިދާޅުވީ، އެ ދެމީހުންގެ މައްޗަށް ހުށަައެޅިފައިވާ ހަމައެކަނި ހެއްކަކީ ސީސީޓީވީ ފުޓޭޖް ކަމަށާއި، ދެން ހުރީ އެއާ ގުޅިގެން ހުށައެޅިފައިވާ ހެކިތަކެއް ކަމަށެވެ.

އުސްމާން ޝަރީފާއި އަހުމަދު ޒަޔާންގެ ދިފާއީ ވަކީލުވެސް ވަނީ މިއީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭ ދައުވާއެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

ދައުވާލިބޭ ފަރާތްތައް އައިޑެންޓިފައި ކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، ދައުވާ ލިބޭ ފަރާތްތަކުގެ އާންމު ސިފައާއި ޚާއްސަ ސިފަތަކެއް އެނގެން ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އަފްރާހު އަބްދުލްރައްޒާޤުއާއި، ޙަސަން މަހުފޫޒު އަދި ޖުނައިހު އަބްދުﷲ ގެ ދިފާއީ ވަކީލުވެސް ވަނީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވަވާފައެވެ.

ދައުލަތުން ހުށައަޅާފައިވަނީ ޝައްކު އުފެދޭ ޤަރީނާތަކެއްކަމަށް އެމީހުންގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ހޯދާފައިވަ ގިނަ ވީޑިއޯ ފުޓޭޖުތަކުގެ ގަޑި ދިމާނުވާ ކަމަށާއި، ހއ ތަކަންދޫ އިބްރަހީމީހިޔާ ނަދީމް އަބްދުއްރަޙީމްގެ މަރުގެ މައްސަލައިގައިވެސް ކުށް ސާބިތުނުވާކަމަށް ނިންމިއިރު، ވީޑިއޯ ފުޓޭޖުތަކުގެ ގަޑި ދިމާނުވާކަން ފާހަގަ ކޮށްފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ޝަރީއަތުން މައްސަލަ ދިރާސާކުރާއިރު އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރުމެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ، ކުރިއަށް އޮތް 30 ދުވަސް ތެރޭގައި އެކަމުގެ އަޑުއެހުން ބާއްވަވާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
13 އޭޕްރިލް 2023 | ބުރާސްފަތި 14:06
rish
ސީސީޓީވީ ކެމެރާ ތަކައް އަރާފަ ހުރި އިރުވެސް ހެކި ނެތޯ ދިފާއީ ވަކީލުން ބުނާްއިރު ތި ވަކީލުން ތީ ލޮލައ މިރުސް ދުން އެޅިފަ ހުރި ބަޔެއްބާ؟މިއަދު އިންސާފު ނުލިބުނަސް އިރާދަކުރެއްވިއްޔާ އަނަސް އަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ. 2 ގޭންގު ދެމެދު ހިނގި މަާރާމާރި އެއް ގެ ތެރެއިން މަރާލި އިރު ކީއްވެތޯ ޖަހަން ނުކެރުނީ އަނަސް އަކީ ގޭންގް އަކައް ނިސްބަތްވާ ޒުވަާނެއް ނޫނޭ..
13 އޭޕްރިލް 2023 | ބުރާސްފަތި 11:52
އަލީ
ދިފާއީ ވަކީލުންގެ ބޭނުމަކީ ގާތިލުން ސަލާމަތްކޮށް މުޖުތަމަޢުއަށް ދޫކުރުންބާ؟ މާދަމާ އެހެންމީހަކު މަރާލައިގެން އަނެއްކާވެސް މި ވަކީލުންގެ ބޭނުންޖެހިގެން އަންނަންޖެހޭނެތީ ތޯ؟ ޑިމާންޑް ގެއްލިދާނެތީތޯ؟