ކ. މާލެ
|
12 އޭޕްރިލް 2023 | ބުދަ 16:46
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
އެޗްޕީއޭ
ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ކޮވިޑުގެ ކޭސްތައް ރާއްޖޭގައި ދަނީ އިތުރުވަމުން

ކޮވިޑާއި އަރިދަފުސް ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ވަނީ މި އިލްތިމާސާއެކު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް އާއްމުކޮށްފައެވެ. އެގޮތުން ރޯގާ ޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަރިދަުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސް އެޅުމަށާއި އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި ރޯގާގެ އެއްވެސް އަލާމާތެއް އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށާއި ސެނިޓައިޒަރ ބޭނުން ކުރުމަށާއި ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މިހުން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށާއި ކޮވިޑު ވެކްސިން ފުރިހަމަ ކުރުމާއި ބޫސްޓަރ ޑޯޒަށް ޝަރުތުހަމަވާ މީހުން އެ ޑޯޒް ޖެހުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް 84 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން 73 މީހަކާއި ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްތަކުން 11 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ 185،894 އަށް އަރައިފައެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ކޮވިޑު ޖެހިގެން 17 ފަރާތެއް މިދިޔަ ހަފްތާގައި ވަނީ އެޑްމިޓްކޮށްފައެވެ.

ކޮވިޑު ޖެހިގެން މިހާތަނަށް ރާއްޖެއިން 311 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭއިން ވެކްސިން ޖެހުމަށް ކަނޑައަޅާފައިވާ އުމުރުފުރާގެ 88.18 އިންސައްތަ މީހުން މިހާތަނަށް ވަނީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ 399،315 މީހުންނެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 85.06 އިންސައްތަ ނުވަތަ 385،147 މީހުންނެވެ. ރާއްޖޭގައިި 2 ބޫސްޓާ ޑޯޒް ދެމުން ގެންދާއިރު 167،677 މީހުން ވަނީ ފުރަތަމަ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ދެވަނަ ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 1،543 މީހުންނެވެ.

މީގެ އިތުރުން އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަތުތުހަމަވާ އާބާދީގެ މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައިވަނީ އެންމެ 0.10 އިންސައްތަ ކުދިންނަށެވެ.

- ކޮމެންޓް