ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނީ އެޕްރިލް 11ން ފެށިގެން 20 އެޕްރިލްވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު)ގައެވެ. ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރައްވާނެ ގޭޓަކީ، ކުރީގެ ދަރުމަވަންތަ ސްކޫލުގެ (އަމީރު އަޙްމަދު މަގުގައިވާ) މައި ގޭޓެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފާ ބާވަތްތަކަކީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 12:00، މެންދުރުފަހު 13:00ން 15:15ށް އަދި ރޭގަނޑު 21:00ން 22:30 އަށެވެ.
ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، މާލެ ސިޓީގައި، ފިތުރު ޒަކާތް ފައިސާއިން ބަލައިގަތުން ވެސް ކުރިއަށްދާނެއެވެ. އިސްލާމީ މަރުކަޒުގެ ހޯލުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30ން 13:00ށް ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ. އަދި އަތޮޅުތެރޭގައި ކައުންސިލް އިދާރާތަކުން ހަމަޖައްސާ ގޮތެއްގެ މަތިން ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާއިރު އޮންލައިން ޕޯޓަލްތަކުންވެސް ފިޠުރު ޒަކާތް ދެއްކޭނެއެވެ.