މި އަހަރުގެ ރޯދަމަހު މާލެ ސަރަހައްދުގައި ފިތުރު ޒަކާތް ބަލައިގަންނާނެ ގޮތްތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން 1444 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ އެއްވަނަ ދުވަހުން ފެށިގެން، 18 އޭޕްރީލް 2023 ގެ ނިޔަލަށެވެ. އެގޮތުން ދިރާގު، އުރީދޫ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ފިނޭންސް އިތުރުން، ފަހިޕޭ މެދުވެރިކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.
މި މުއައްސަސާތަކުން ޒަކާތް ބަލައިގަންނަ ގޮތްތަކަށް ބަލާއިރު، ދިރާގުން ޒަކާތް ދެއްކޭނީ، ދިރާގު ޕޭ (ދިރާގު ވެބްސައިޓު) ނުވަތަ އެސްއެމްއެސް ގެ ޒަރީއާއިންނެވެ. އުރީދޫން އެމްފައިސާ އަދި ސެލްފް ކެއަރ ( އުރީދޫ އެޕް) އާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭއިރު، އިސްލާމިކް ބޭންކުން ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ޕޭއިން ޒަކާތް ދެއްކާނެއެވެ. މީގެ އިތުރުން ޕަހިޕޭ އެޕްލިކޭޝަނުންނާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ ގެ އިތުރުން ބީއެމްއެލްގެ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ޒަކާތް ދެއްކޭނެއެވެ.
މާލެ ސިޓީގައި ޒަކާތް ދެއްކޭނެ ފަސޭހަ ގޮތްތަކެއް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާއިރު، ޒަކާތް ނެރެންޖެހޭ އަގުތައް ވެސް އެ މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން މާލޭގައި، އާދައިގެ ހަނޑުލުން ޒަކާތް ނެރޭނަމަ، ދައްކަންޖެހެނީ 12 ރުފިޔާގެ ރޭޓުންނެވެ. އަދި ތައިލެންޑް ހުދުހަނޑުލުން 84 ރުފިޔާ، ރަތް ހަނޑުލުން 99 ރުފިޔާ ދައްކަންޖެހޭއިރު، އާދައިގެ ބާސްމަތީ ހަނޑުލުން ދައްކަން ޖެހެނީ 84 ރުފިޔާއެވެ. ހަމައެހެންމެ މޮޅު ބާސްމަތީ ހަނޑުލުން 100 ރުފިޔާގެ މަގުން އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން ދައްކަންޖެހެނީ 125 ރުފިޔާއެވެ. މީގެ އިތުރުން ފުށުން ޒަކާތް ނެރެންޖެހޭ ފައިސާގެ އަދަދަށް ބަލާއިރު، އާދައިގެ ފުށުން ނަމަ ދައްކަންޖެހެނީ 12 ރުފިޔާއެވެ. އަދި އާޓާ ފުށުން ދައްކަންޖެހެނީ 75 ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބަނޑޭރި ޕޭ ތެރެއިން ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ޚާއްސަކޮށް 26 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00ން 13:00އާ ހަމަށެވެ.
މާލެސިޓީ ފިޔަވައި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު، ނުވަތަ ސިޓީ ކައުންސިލަކުންނެވެ. ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.