މުނި އެންޓަރޕްރައިޒަސް އިން ފިޓްރޯން ރެޒިޑެންސެސްގެ ނަމުގައި ފްލެޓް އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ފިޓްރޯން ރެޒިޑެންސެސް ލޯންޗު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ މި ފްލެޓް އިމާރާތުގައި 91 އެޕާޓްމަންޓް ހުންނާނެއެވެ. އަދި މި އިމާރާތުގައި ހަތަރު ފެންޓް ހައުސްވެސް ހިމެނޭނެއެވެ.
ފިޓްރޯން ރެޒިޑެންސެސްގައި ޕޫލްއެއްގެ އިތުރުން ރިޓެއިލް ފިހާރަތައް ގާއިމް ކުރާއިރު ރޫފްޓޮޕް ކެފޭއެއް، އަދި ޖިމަކާއި ކުދިން ކުޅޭނެ ވަކި ސަރަހައްދެއްގެ އިތުރުން ވެހިކަލް ޕާކު ކުރުމަށް ވަކި ސަރަހައްދުތަކެއް ގާއިމް ކުރާނެއެވެ. މީގެ އިތުރުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ސެކިއުރިޓީ ލިބިގެންދާނެއެވެ.
މި އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި ބަޖީޗާއެއް ހެދުމަށް ހަމަޖެހިފައިވާއިރު ޕެންޓްހައުސްއަށް ހާއްސަކުރެވިފައި ވަނީ 9 އަދި 10 ވަނަ ފަންގިފިލާއެެވެ.
މުނި އެންޓަރޕްރައިޒަސްއިން ފިޓްރޯންގެ އެޕާޓްމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފިޓްރޯން އޮފީހުންނާއި ވެބްސައިޓު މެދިވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.
މުނި އެންޓަރޕްރައިޒަސްއިން ވިއްކާ މި އެޕާޓްމަންޓްތަކުގެ ތެރޭގައި ސްޓޭންޑަޑް އަދި ލަގްޜަރީ އެޕާޓްމަންޓްތައްވެސް ހިމެނެއެވެ.
އެ ކުންފުނިން ފިޓްރޯން ރެޒިޑެންސެސް ތައާރަފްކޮށްފައި ވަނީ މެދުފަންތީގެ ފަރާތްތަަކަށްވެސް ފެންވަރު ރަގަޅު ދިރިއުޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށް މުނި އެންޓަރޕްރައިޒަސް އިން ބުނެއެވެ.
މި އެޕާޓްމަންޓްތަކުގެ ތެރޭގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރީގެ އެޕާޓްމެންޓް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފިޓްރޯން ރެޒިޑެންސެސް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ އިރު އެ އިމާރާތް އަންނަ އަހަރުގެ ފަހުކޮޅު ނިންމާލެވޭނެކަމަށް މުނި އެންޓަރޕްރައިޒަސް އިން ބުނެއެވެ.