ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 00:34
އެވަޓަނާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގައި ލަމްޕާޑު
އެވަޓަނާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގައި ލަމްޕާޑު
ރޮއިޓާސް
ޗެލްސީ
ލަމްޕާޑު ބުނަނީ ބައެއް ކުޅުންތެރިންނަށް ވަގުތު ދޭން ޖެހޭނެ ކަމަށް
 
ޗެލްސީގައި ހުންނަ ދުވަސްތަކުގައި ކުޅުންތެރިންގެ ކުރިއެރުމާއި، ޗެލްސީ އަށް ބޭނުންވާ ފެންވަރުގެ ކުޅުންތެރިން ތައްޔާރުކުރާނެ ކަމުގެ ޔަޤީންކަން ލަމްޕާޑު ދޭ

ޗެލްސީގެ ބައެއް ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންޑް ލަމްޕާޑު ބުނެފި އެވެ.

ލަމްޕާޑު މިހެން ބުނީ ދެ ވަނަ ފަހަރަށް ޗެލްސީއާ ހަވާލުވެ އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ބަލިވުމާއެކު އެވެ. އޭނާ ބުނީ، ބައެއް ކުޅުންތެރިން ޗެލްސީއާ ގުޅުނުތާ އެހާ ދުވަސް ނުވާ ކަމަށާއި، އެހެންކަމުން އެ ކުޅުންތެރިންނަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި ކުޅުންތެރިން ހަމަޔަކަށް އެޅޭނީ ވެސް ބޭނުންވާ ވަރަށް ވަގުތު ދީގެން ކަމަށެވެ. އޭނާ ބުނީ ޗެލްސީ އަށް ކުޅުމަކީ ކޮން ފެންވަރެއްގެ ކަމެއް ކަން ވެސް ކުޅުންތެރިންނަށް އެނގެން ވާނެ ކަމަށާއި ޗެލްސީގެ ބެޖު ޖެހި ޖާޒީއެއްގައި ކުޅޭއިރު، އޭގެ އެ ބުނެދެނީ ކޮންކަމެއް ކަން ވެސް ކުޅުންތެރިންނަށް އެނގެން ޖެހޭނެ ކަމަށް ވެސް ލަމްޕާޑު ބުންޏެވެ. އޭނާ ބުނީ އެކަމަކީ ޗެލްސީގެ ސަޕޯޓަރުން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން އޭނާ ޗެލްސީގައި ހުންނަ ދުވަސްތަކުގައި ކުޅުންތެރިންގެ ކުރިއެރުމާއި، ޗެލްސީ އަށް ބޭނުންވާ ފެންވަރުގެ ކުޅުންތެރިން ތައްޔާރުކުރާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށް ވެސް ލަމްޕާޑު ބުންޏެވެ.

ލަމްޕާޑު ބުނީ އޭނާ އަށް ހަވާލުވީ ބޮޑު މަސައްކަތެއް ކަމަަށާއި، ޗެލްސީ މިހާރު އޮތީ ކުލަބުގެ އެއްވެސް މީހަކު އޮންނަން ބޭނުންވާ ހިސާބުގައި ނޫން ކަމަށެވެ. ނަމަވެސް އެހިސާބުގައި ޗެލްސީން އޮންނަން ޖެހުމުގައި ކޮންމެ ވެސް ސަބަބުތަކެއް އޮންނާނެ ކަމަށް ވެސް ލަމްޕާޑު ބުންޏެވެ. މީގެ އިތުރުން އެއް ދުވަހުން ހުރިހާ ކަމެއް ހައްލުވާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށާއި، ކަންކަން ހައްލުކުރުމަށް ވަގުތު ވެސް ނަގާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ބޭނުންވަނީ އެކަކު އަނެކަކަށް އިތުބާރުކޮށް، ކުލަބައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.

ޗެލްސީގެ ޖާޒީގައި މޮޅު ކުޅުމެއް ވެސް ދައްކާފައިވާ ލަމްޕާޑަށް އެ ކުލަބުގެ ކޯޗުކަން އެންމެ ފުރަތަމަ ހަވާލުކުރީ 2019 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ކުލަބުގެ ނަތީޖާތައް ދަށްވުމުން 2021 ވަނަ އަހަރު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ލަމްޕާޑު ހަވާލުވީ އެވަޓަންއާ އެވެ. ނަމަވެސް އެ ކުލަބުން ވެސް އޭނާ ވަކިކޮށްފައި ވަނީ ނަތީޖާ ނުނެރެވުމުންނެވެ. ޗެލްސީ މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު 30 މެޗުން 39 ޕޮއިންޓާއެކު އެވެ. ދެން ޗެލްސީ އަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް