ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 00:29
ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް
ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް
ޓްވީޓަރ
ޕީއެސްޖީ
މާކީނިއޯސްގެ އެއްބަސްވުން އައުކުރުމަށް ޕީއެސްޖީން ބޭނުންވޭ
 
2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ޕީއެސްޖީގައި މަޑުކުރާނެ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކެޕްޓަން މާކީނިއޯސްގެ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ޑިފެންޑަރު ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން ޕީއެސްޖީން އޭނާއާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، އެކަމުގައި ދެން އޮންނާނީ ގޮތެއް ނިންމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ޕީއެސްޖީން އޭނާ ބަހައްޓަން ބޭނުންވާއިރު، މާކީނިއޯސް ވެސް ބޭނުންވަނީ ކުލަބުގައި މަޑު ކުރުމަށެވެ. އަދި ޕީއެސްޖީން މާކީނިއޯސް އަށް ހުށަހަޅާނީ އިތުރު ތިން އަހަރަށް ކުލަބުގައި މަޑު ކުރުމަށެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ޕީއެސްޖީގައި މަޑު ކުރާނެ އެވެ. ފްރާންސް ލީގުގައި އެންމެ ފަހުން ޕީއެސްޖީން ނީސްއާ ދެކޮޅަށް ކުޅުނު މެޗަކީ މާކީނިއޯސް ޕީއެސްޖީގެ ޖާޒީގައި ކުޅުނު 400 ވަނަ މެޗެވެ. އެމެޗަށްފަހު ޕީއެސްޖީން އެކަން ފާހަގަކޮށްފައިވާއިރު، މާކީނިއޯސް ބުނީ ޕީއެސްޖީން އަބަދުވެސް އޭނާ އަށް ކުރިއަށްދާންވީ މަގު ދައްކައިދޭ ކަމަށާއި، އޭނާގެ ޚިދުމަތަށް ކުލަބުން ޝުކުރުވެރިވާ ކަމަށެވެ. ކުލަބުގެ ކޯޗާއި، އެހެނިހެން މުވައްޒަފުން އަދި ސަޕޯޓަރުން ވެސް އޭނާ ކުލަބުގައި ހުންނަން ބޭނުންވާކަން އެނގޭކަން ފާހަގަ ކުރަމުން މާކީނިއޯސް ބުނީ، ޕީއެސްޖީގައި އޭނާ ހުންނަނީ ވަރަށް ހިތްހަމަޖެހިގެން އުފަލުން ކަމަށެވެ.

އިޓާލިއަން ލީގުގެ ރޯމާ ދޫކޮށް މާކީނިއޯސް ޕީއެސްޖީ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އެކުލަބަށް ކުޅެދިން 400 މެޗުގައި އޭނާ ވަނީ 38 ލަނޑު ޖަހައިފަ އެވެ. މާކީނިއޯސް ވަނީ ޕީއެސްޖީއާއެކު 26 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސް ލީގު ހަތް ފަހަރު، ފްރާންސް ކަޕް ހަ ފަހަރު، ކަޕް ލީގު ހަ ފަހަރު، ޓްރޮފީ ޑީ ޗެމްޕިއަންސް ހަތް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ. ޕީއެސްޖީން 20-2019 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ޓީމުގައި ވެސް މާކީނިއޯސް ހިމެނެ އެވެ. ތިއާގޯ ސިލްވާ ޕީއެސްޖީ ދޫކޮށްލުމާއެކު، މާކީނިއޯސް އަށް އެ ކުލަބުގެ ކެޕްޓަންކަން ލިބުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މާކީނިއޯސް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް 76 މެޗު ކުޅެދީ، ފަސް ލަނޑު ޖަހާފައިވާއިރު، ކޮޕަ އެމެރިކާ މުބާރާތެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް