ޖަރުމަނު ލީގުގައި ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.
އެ މެޗަށް ކުރިމަތިލީއިރު އެންމެ ފަހުން ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލްގައި ވެސް ފްރެއިބާގް އަތުން ބަލިވެ ބަޔާން ވަނީ ކަޓައިފަ އެވެ. އެހެންކަމުން ޕްރެޝަރު އޮތް މެޗުން ބަޔާނަށް ހޯދުނީ އުނދަގޫ މޮޅެކެވެ. މެޗުގައި ބަޔާނާއި ފްރެއިބާގުން ވެސް ވަނީ ލަނޑު ޖެހުމަށް ހަމަލާތަކެއް އުފައްދައިފަ އެވެ. މެޗުގައި ބަޔާންގެ ގޯލް ކީޕަރު ޔެން ސޮމާ ވަނީ މޮޅު ސޭވްތަކެއް ވެސް ކޮށްފަ އެވެ. މެޗުން ބަޔާން މޮޅުވީ ދެ ވަނަ ހާފުގައި ޑިފެންޑަރު މަތައިސް ޑި ލިޓް ޖަހައިދިން ލަނޑުންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޑި ލިޓް ލަނޑު ޖެހީ ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން މޮޅުވެފަ އެވެ. މެޗުގައި ޑޯޓްމަންޑުގެ ދެ ލަނޑު ޖެހީ ޑޮންޔެލް މާލެން އާއި ޔޫސެފާ މުކޯކޯ އެވެ. ޔޫނިއަން ބާލިންގެ ލަނޑު ޖެހީ ކެވިން ބޭރެންސް އެވެ. މުކޯކޯ ޑޯޓްމަންޑުގެ ދެ ވަނަ ލަނޑު ޖަހައި މޮޅުކޮށްދިނީ ބާލިން އިން އެއްވަރުކޮށްފައި ވަނިކޮށެވެ.
ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. ކުޅުނު 27 މެޗުން އެ ޓީމަށް ލިބެނީ 58 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި 56 ޕޮއިންޓާއެކު ޑޯޓްމަންޑު އޮތްއިރު، ތިން ވަނައިގައި ބާލިން އޮތީ 51 ޕޮއިންޓާއެކު އެވެ.