ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 22:08
ތުރުކީ އާއި ހަންގޭރީން ދަނީ ސްވިޑްން ނޭޓޯއާ ގުޅުމާ ދެކޮޅުހަދަމުން
ތުރުކީ އާއި ހަންގޭރީން ދަނީ ސްވިޑްން ނޭޓޯއާ ގުޅުމާ ދެކޮޅުހަދަމުން
ރޮއިޓާސް
ސްވިޑްން ނޭޓޯއާ ގުޅުމަށް މަސައްކަތްކުރުން
ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟
 
ޓެރަރިސްޓުންނާ ގުޅުން ބާއްވާ ގައުމެއް، އެޖަމިއްޔާއާ ގުޅުމަށް ތުރުކީން އެއްބަސްވާނީ ކިހިނެއްތޯ ތުރުކީން ދަނީ ބުނަމުން
 
ސްވިޑްން އިން ނޭޓޯއާ ގުޅުމުގެ ކުރިން ދެގައުމުގެ ދެމެދު އުފެދުފައިވާ މައްސަލަތައް ހައްލުކުރަން ޖެހޭކަމަށް ހަންގޭރީން ބުނޭ
 
ސްވިޑްން އަށް ނޭޓޯގެ މެމްބަރުކަން ލިބޭނީ ކޮންއިރަކުންކަން ބުނަން އުނދަގޫ

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ ގުޅުމަށް ފިންލޭންޑް އަދި ސްވިޑްނުން ނިންމައި މަސައްކަތްކުރަން ފެށީ ދާދީ އެއްކޮށެވެ. ނަމަވެސް މިއަހަރުގެ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު، ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ލިބިގެންދިޔަ އިރުވެސް، ސްވިޑްން އަށް ނޭޓޯގެ މެމްބަރުކަން ލިބޭގޮތެއް ނުވެއެވެ. ސަބަބަކީ ނޭޓޯގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތުރުކީ އަދި ހަންގޭރީގެ ރުހުން ސްވިޑްން އަށް ނުލިބޭތީއެވެ.

ތުރުކީން، ސްވިޑްން ނޭޓޯއާ ގުޅުމަށް އެއްބަސްވިޔަސް، އެއްބަސްވާނީ މި އަހަރުގެ މެއި މަހު އޮންނަ އެގައުމުގެ އިންތިހާބަށް ފަހު ކަމަށާއި ނަމަވެސް އޭގެފަހުންވެސް ސްވިޑްން އަށް ރުހުންދޭ ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން އެއްބަސްވެވަޑައިގަންނާވެކަން ސާފު ނޫން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ތުރުކީގެ އިދިކޮޅު ޕާޓީތަކުން އިންތިހާބު ކާމިޔާބުކޮށްފިނަމަ، ސްވިޑްން އަށް އުންމީދު ބޮޑުވާނެކަމަށް ބައެއް މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

ހަންގޭރީ ފެންނަމުން ދަނީ ތުރުކީގެ ލީޑް ފޮލޯކުރާ ގައުމެއްގެ ގޮތުގައެވެ.

މީގެ ކުރިން ފިންލޭންޑް އަދި ސްވިޑްން އަކީ އަސްކަރީގޮތުން އެއްވެސް ގައުމަކާއެކު ބައިއަތު ހިފާފައިވާ ގައުމެއްނޫނެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށުމުން މިދެގައުމުން ވަނީ ރަޝިއާއަކީ އެ ދެގައުމުގެ ސަލާމަތަށްވެސް އޮތް ނުރައްކަލެއް ކަމަށް ދެކި، ނޭޓޯގެ މެމްބަރު ގައުމަކަށް ވުމުގެ މަސައްކަތް ފަށާފައެވެ.

ނޭޓޯގެ ގިނަ މެމްބަރުން ވަނީއެ ދެގައުމުން ނޭޓޯއާ ގުޅުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެފައެވެ. އެގޮތުން ފިންލޭންޑް އަދި ސްވިޑެން ނޭޓޯއާ ގުޅުމަކީ ބޯލްޓިކް ސަރަހައްދުގައި ނޭޓޯ ބާރުވެރިކުރުވާނެ ކަމެއްކަމަށް ނޭޓޯގެ ގިނަ މެމްބަރުން ގަބޫލުކުރެއެވެ.

ތުރުކީން ވަނީ ފިންލޭންޑުން ނޭޓޯއާ ގުޅުމާވެސް އެންމެ ފުރަތަމަ ދެކޮޅު ހަދާފައެވެ. ގިނަ މަޝްވަރާތަކަކަށްފަހު ފިންލޭންޑަށް ތުރުކީގެ ރުހުން ދީފައި ވަނީ މާޗު މަހުގެ ފަހު ހަފުތާއެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް، ސްވިޑްން އަށް ރުހުންދޭން ތުރުކީން ދަނީ ދެކޮޅުހަދަމުންނެވެ. އެގޮތުން ސްވިޑްން އިން ތުރުކީގެ ސަލާމަތީ ކަންބޮޑުވުންތައް ސީރިއަސްކޮށް ނުނަގާ ކަމަށާއި ދެގައުމުގެ ދެމެދު ވެވުނު އެއްބަސްވުންތަކުގައި ސްވިޑްން އިން އެއްބަސްވެފައިވާ ކަންތައްތައް އެގައުމުން ފުއްދާފައިނުވާ ކަމަށްވެސް ތުރުކީން ދަނީ ބުނަމުންނެވެ.

ނޭޓޯގެ މެމްބަރަކަށް ވުމަށް، އެ ޖަމިއްޔާގެ ހުރިހާ މެމްބަރުންގެ ރުހުން ބޭނުންވާއިރު، ތުރުކީ އާއި ހަންގޭރީގެ ރުހުން ނުލިބެނީސް ސްވިޑްން އަށް ނޭޓޯގެ މެމްބަރަކަށް ނުވެވޭނެއެވެ.

ސްވިޑްން އިން ވަނީ ތުރުކީން ގެންގުޅޭ ޑިމޮކްރަޓިކް ސިޔާސަތުތަކަށް ފާޑުކިޔައި އެގައުމުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް މީގެކުރިން ބުނެފައެވެ. މިއާއެކު، ތުރުކީގެ ސިޔާސީ ލީޑަރުން ސްވިޑްންއާ މެދު ހިތްހަމަނުޖެހެންފެށިއެވެ. ތުރުކީން ގަބޫލުކުރާގޮތުގައި ސްވިޑްން އިން ދަނީ އެގައުމުން ޓެރަރިސްޓުންގެ ގޮތުގައި ގަބޫލުކުރާ މީހުންނަސް ހިމާޔަތްދެމުންނެވެ. އެމީހުންނަށް ހިމާޔަތްދިނުން ހުއްޓާލުމަށް ތުރުކީން ގޮވާލި ނަމަވެސް އެކަމަށް ސްވިޑްން އިން ދެކޮޅުހެދުމުން ތުރުކީން ދަނީ ސްވިޑްން އިން ނޭޓޯއާ ގުޅުމަށް ކުރާ މަސައްކަތަށް ހުރަސްއަޅަމުންނެވެ.

އެގޮތުން ޓެރަރިސްޓުންނާ ގުޅުން ބާއްވާ ގައުމެއް، އެޖަމިއްޔާއާ ގުޅުމަށް ތުރުކީން އެއްބަސްވާނީ ކިހިނެއްތޯ ތުރުކީން ވަނީ ސުވާލުއުފައްދާފައެވެ.

މީގެ އިތުރުން، ސްވިޑްންގައި ކުރިއަށްދިޔަ މުޒާހަރާތަކެއްގައި ހަތިމުގައި ރޯކުރި މައްސަލާގައިވެސް ތުރުކީން ވަނީ ސްވިޑްން އަށް ފާޑުކިޔައި، ނުރުހުން ފާޅުކޮށްފައެވެ. ތުރުކީން ބުނާގޮތުގައި، ސްވިޑްން އިން ދަނީ 'ފްރީޑަމް އޮފް ސްޕީޗް'ގެ ނަމުގައި 'ހޭޓް ކްރައިމްސް' އަށް އެއްބާރުލުންދެމުންނެވެ.

ތުރުކީއާއެކު ވެފައިވާ އެއްބަސްވުންތަކަށް އަމަލުކުރަމުންދާ ކަމަށާއި އެގައުމުގެ އެންޓި-ޓެރަރިޒްމް ގާނޫނު އިތުރަށް ހަރުދަނާކޮށްފައިވާކަމަށް ބުނެ، ސްވިޑްން އިން ވަނީ ތުރުކީގެ ބާކީ ޑިމާންޑު ތަކަކީ ނުފުއްދޭނެ ޑިމާންޑްތަކެއް ކަމަށް ބުނެފައެވެ.

ހަންގޭރީން، ސްވިޑްން އަށް ދެކޮޅުހަދަމުން ދަނީ އެގައުމުން ހަންގޭރީއާ މެދު އަދާވާތްތެރި ނަޒަރިއްޔާތެއް ގެންގުޅޭތާ އަހަރުތަކެއް ވެފައިވާކަމަށް ބުނެއެވެ. އަދި އެގައުމުގެ ބޮޑުވަޒީރު ވިކްޓަރ އޯރބަން، ރޫލް އޮފް ލޯ އުވާލިކަމަށް ބުނެ ސްވިޑްން އިން އަމާޒުކުރަމުންދިޔަ ފާޑުކިޔުންތަކާއެކު ހަންގޭރީއާ ސްވިޑްންއާ ދެމެދުއޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ކަަން މިހެން އޮތް އިރު، ތުރުކީއާ ހިލާފަށް، ސްވިޑްން އިން ނޭޓޯއާ ގުޅުމަށް ހަންގޭރީގެ މާބޮޑެތި ޑިމާންޑްތަކެއް ނެތެވެ. ނަމަވެސް ސްވިޑްން އިން ނޭޓޯއާ ގުޅުމުގެ ކުރިން ދެގައުމުގެ ދެމެދު އުފެދުފައިވާ މައްސަލަތައް ހައްލުކުރަން ޖެހޭކަމަށް ހަންގޭރީން ދަނީ ބުނަމުންނެވެ.

އެހެންކަމުން ސްވިޑްން އަށް ނޭޓޯގެ މެމްބަރުކަން ލިބޭނީ ކޮންއިރަކުންކަން ބުނަން އުނދަގުލެވެ.

ސްވިޑްން އިން ވަނީ ނޭޓޯގެ މެމްބަރަކަށް ވުމަށް އެދި އެގައުމުން ހުށަހެޅުމުގެ ކުރިން އެގައުމުގެ ސަލާމަތީ މަގާމު އޮތް ހަލާތާއި އަޅާބަލާއިރު، މިހާރުގެ ހާލަތު ރަނގަޅުކަމަށް ބުނެފައެވެ. އެގޮތުން، އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުން ވަނީ ސްވިޑެންއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދީފައެވެ.

މީގެ އިތުރުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް، ޖެންސް ސްޓޮލްޓެންބަރގް ވަނީ ސްވިޑްން އަށް ނުރައްކަލެއް ކުރިމަތިވުމުން، ނޭޓޯގެ މެމްބަރު ގައުމުތަކުން އެގައުމަށް އެހީތެރިކަން ފޯރުކޮށް ނުދޭނެގޮތް އެއީ ނެތް ގޮތެއްކަމަށް ވިދާޅުވެފައެވެ.

ނެޓޯގެ މެމްބަރަކަށް ރަސްމީކޮށް ނުވެވުނު ކަމުގައި ވީނަމަވެސް، މިހާރުވެސް ސްވިޑްން އިންދަނީ ނޭޓޯއާ ގާތްގުޅުމެއް ބާއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް