އައްސަފާ އެންޑް ހައްޖު އުމްރާ ގްރޫޕްގެ އުމްރާވެރިންނަށް އަންނަ އަންގާރަ ދުވަހު ފުރޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެގްރޫޕުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ސަފާ ހައްޖު ގްރޫޕުން ބުނީ, އުމްރާވެރިންނަށް އަންނަ އަންގާރަ ދުވަހު ފުރޭނެ ކަމަށާއި، ހުރިހާ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގްރޫޕުން ބުނީ އެ ގްރޫޕުގެ އުމްރާވެރިން ރަމަޟާންމަހުގެ 20 ވަނަ ދުވަހު އުމްރާއަށް ފުރުވާލެވޭނެ ކަމަށާއި، އެއްވެސް ބަޔަކަށް އޮޅުވައިލުމަކީ އެ ގްރޫޕުގެ ވިސްނުމެއް ނޫން ކަމަށެވެ. ވިސާގެ ކަންކަމުގައި ސައޫދީން މުއާމަލާތު ކުރަމުންދިޔަ އޭޖެންސީން ވިސާ ލިބިފައިވާ ކަމަށް އަބަދުވެސް ބުނަމުން ދިޔަކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޭޖޭންސީން އެ ޔަގީންކަން ދިން ކަމަށެވެ. އަދި އުމްރާވެރީންނަށް އެކަން ދުރާލައި ނޭންގުނީ ސައޫދީ އޭޖެންސީން ވިސާ ލިބިފައިވާކަމުގެ ޔަގީންކަން ދިނުމުން ކަމަށްވެސް ސަފާ ގްރޫޕުން ބުނެފައިވެއެވެ.
ސަފާ ގްރޫޕުން ބުނީ ސައޫދީގެ އޭޖެންސީއެއް ކަމަށްވާ ޝަރީއަތުލް މަޝާއިރު އަށް، އުމްރާވެރީންގެ ޕާސްޕޯޓްތަކުގެ ކޮޕީ މިހާރު ފޮނުވާފައިވާ ކަމަށާއި، ވިސާގެ ކަންތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ އޭޖެންސީން ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ގްރޫޕުން ބުނީ އެ ގްރޫޕުގެ ހަވާލުގައި ތިބި އުމްރާވެރީން އުމްރާއަށް ފުރުވަނީ އުމްރާވެރީންގެ އަތުން އިތުރު އެއްވެސް ފައިސާއެއް ނެގުމެއް ނެތި ކަމަށާއި، ގްރޫޕަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ގްރޫޕުގެ އުމްރާވެރީންނަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.
ސަފާ ހައްޖު ގުރޫޕްގެ އުމްރާވެރިން ފުރަތަމަ ފުރަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ. ނަމަވެސް އެ ގްރޫޕްގެ ފަރާތުން އުމްރާއަށް ގެންދަން ހަމަޖެހިފައިވާ 181 މީހުން އުމުރާއަށް ގެންދިއުން ފަހު ވަގުތު ވަނީ ކެންސަލްކޮށްފައެވެ. ދަތުރު ކެންސަލްކުރިކަން އެމީހުންނަށް އަންގާފައިވަނީ ފުރާ ވަގުތު ކައިރިވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސަފާ ގްރޫޕުގެ ފަރާތުން މިމަހުގެ 6 ގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަރާތްތަކަށް އެ ދުވަހު ނުފުރިވަނީ އެ ވަގުތާ ހަމައަށްވެސް ސައުދީ އަރަބިއްޔާއިން ލިބެންޖެހޭ ވިސާތަކެއް ނުލިބިވާތީ ކަމަށް އެ ގްރޫޕުން ބުނެފައިވާކަމަށެވެ.
މިއީ 3 މަސް ދުވަހަށް ލިބޭ ވިސާއަކަށް ވާއިރު އެ ކުންފުނީގެ ފަރާތުން ދުރާލާ ވިސާގެ ކަންކަން ހަމަޖައްސާފައިނުވާކަން މިނިސްޓްރީއަށް ފާހަގަވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. އުމްރާ ވިސާއަކީ ސައޫދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެޖެންސީތަކުން އުމްރާ ކުންފުނިތަކަށް ދޭ ޚިދުމަތެއް ކަމަށާއި، މި ވިސާއަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.