އަންނަ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދާ ދިވެހީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް މުއިއްޒު މިފަދައިން އަންގާފައިވަނީ ހޯމަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި އެ ފަދައިން އެންގެވީ ރޯދަމަހު އުމްރާއަށް ދާ ދިވެހީންނަށް ބޭންކް ރޭޓުގައި ފަސޭހަ އިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ނެވެ. އެެހެންވެ އެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މިހާރު ބީއެމްއެލަށާއި މޯލްޑިވްސް މަނީޓަރީ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭ އަށް ދަންނަވައިފިން.ރައީސް ޑރ. މުހައްމަދު މުއިއްޒު![]()
ރައީސް އެފަދައިން ވިދާޅުވިއިރު، ބީއެމްއެލުގެ ޑެބިޓު ކާޑުގެ މިހާރުގެ ލިމިޓަކީ 250 ޑޮލަރެވެ. އެހެންކަމުން އެ ލިމިޓު ހަމަޖައްސައިދޭނީ މިހާރު އޮންނަ ޑެބިޓް ކާޑު ޑޮލަރު ލިމިޓުގެ އިތުރަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ގެންނަން ނިންމި މި ބަދަލާ އެކު، 1،500 ޑޮލަރު އިތުރަށް ދިނުމުން އުމްރާވެރިންގެ ކާޑު ލިމިޓު 1،750 ޑޮލަރަށް އިތުރުވާނެ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރެ އެވެ. ރޯދަ މަހުން ބަޔަކާއި މުޅި ރޯދަ މަހުގެ އިތުރުން ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާގެ އަޅުކަން އަދާކުރަންދާ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
އެންމެ ފަހުން މިމަހުގެ ހަވަނަ ދުވަހު ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް ޓިކެޓަކަށް 1،000 ޑޮލަރު ދޫކުރަން ފެށޭނެކަމަށް ވަނީ ވިދާޅުވެފައެވެ. އެއާއި އެކު ކްރެޑިޓް ކާޑުގެ ލިމިޓްތައް 1400 ޑޮލަރަށް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބޮޑުކުރާނެ ކަމަށްވެސް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.